ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 14:00
ރ. އަލިފުށީގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ
ރ. އަލިފުށީގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
އަލިފުށި ޓާފް ދަނޑުގެ މަސައްކަތް
އަލިފުށި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި
ޓާފް އެޅުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަނުން
ޓާފް އެޅުމަށް 4.2 މިލިޔަން ރުފިޔާ ޚަރަދުވާނެ
ބިން އެއްވަރު ކުރުމުގެ މަސައްކަތް އާރުކޭއެލް އިން ކުރިއިރު، މި މަސައްކަތަށް ވަނީ 1.1 މިލިޔަން ރުފިޔާ ޚަރަދުވެފައި

ރ. އަލިފުށީގައި ސަރުކާރުން ގާއިމުކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި އަލިފުށީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިއިރު، އެ މަސައްކަތް ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. އަދި ޓާފް އެޅުމަށް 4.2 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އަލިފުށި ދަނޑުގެ މަސައްކަތް ނިމުން ލަސްވެފައިވާއިރު، އެންމެ ފުރަތަމަ އެ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކުރީ ސީއެސްއާރުގެ ދަށުން ހެވީ ފޯސް އާއެވެ. އެކަމަކު އަލުން ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރަން ޖެހުމުން މަސައްކަތް ލަސްވީ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެގޮތުން އަލިފުށި ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް ކޮށްފައިވަނީ އާރުކޭއެލް ކުންފުނިންނެވެ. އަދި މި މަސައްކަތަށް ވަނީ 1.1 މިލިޔަން ރުފިޔާ ޚަރަދުވެފައެވެ.

އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފުށީ ރައްޔިތުންގެ އެތައް ދުވަހެއްގެ ޝަކުވާ އާއި އިންތިޒާރުގެ ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ. ޓާފް އަޅަން ފެށުން ވަރަށް ފޯރީގައި އަލިފުށި ރައްޔިތުން ފާހަގަކުރިއިރު، ވަޒީރު ވަނީ މި މަސައްކަތަށް އަލިފުށީ ޒުވާނުންނާއި އެ ރަށުގެ ކައުންސިލްގެ އިތުރުން އަލިފުށި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ހުސެއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ. އަލިފުށީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިއިރު، މީގެ ކުރިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
11 އޯގަސްޓް 2020 | އަންގާރަ 18:03
ޓްރުތް
ބިންއެއްވަރު ކުރުމުގެ މަސައްކަތް އަލުން ކުރަންޖެހުނީ ހެވީފޯސް އިން ހިލޭ އެމަސައްކަތް ކޮންްދީ ނިންމާ އަހަރު ދުވަސް ވީއިރު ޓާރފް އެޅިފައި ނެތުމުގެ ސަބަބުން ގަސް ފަޅާ އެގަސްތައް ބޮޑުވެ، އަދި ގަދަޔަށް ވާރޭވެހި ދުވަސްވުމުގެ ސަބަބުން ދަނޑުގެ ސާރފޭސް ހަލާކުވުމުންނެވެ ، މި ހަގީގަތް ޖަހާލައިފައި އިންނަމަ ހަބަރު ފުރިހަމަވީސް.