ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 12:56
އޮލިމްޕިއާކޯސްއަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސް ލިވަޕޫލްގެ ޖާޒީގައި
އޮލިމްޕިއާކޯސްއަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސް ލިވަޕޫލްގެ ޖާޒީގައި
ގެޓީ އިމޭޖަސް
ސިމިކާސް ލިވަޕޫލަށް ބަދަލުވުން
އޮލިމްޕިއާކޯސްގެ ޒުވާން ޑިފެންޑަރެއް ލިވަޕޫލަށް
ސިމިކާސް ލިވަޕޫލަށް ބަދަލުވީ 11.75 މިލިއަން ޕައުންޑަށް
ސިމިކާސް ވަނީ ލިވަޕޫލާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

އޮލިމްޕިއާކޯސްއަށް ކުޅެމުން އައި ގްރީސްގެ ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސް ލިވަޕޫލަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ޑިފެންޑަރު ލިވަޕޫލަށް ބަދަލުވީ 11.75 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ލިވަޕޫލާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އޭނާއަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 50،000 ޕައުންޑް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު ސިމިކާސް ބުނީ ލިވަޕޫލަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، ލިވަޕޫލަށް ކުޅެން ލިބުމުން ފަޚުރުވެރިވާ ކަމަށެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ހުވަފެނެއް ކަމަށާއި، ލިވަޕޫލާއެކު ޕްރިމިއާ ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަލުން ކާމިޔާބުކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

އޮލިމްޕިއާކޯސްގެ ޔޫތު ޓީމަށް ކުޅުނު ސިމިކާސް އޭނާގެ ސީނިއާ ކެރިއަރު ފަށާފައިވަނީ 2015 ވަނަ އަހަރު އެ ކްލަބުގެ ސީނިއާ ޓީމުންނެވެ. އޮލިމްޕިއާކޯސްއަށް އޭނާ 86 މެޗު ކުޅެދިންއިރު، ލޯނު އުސޫލުން ޑެންމާކް ލީގާއި ނެދަލެންޑްސް ލީގުގައިވެސް ވަނީ ކުޅެފައެވެ. އަދި އޮލިމްޕިއާކޯސް އާއެކު ދެ ފަހަރެއްގެ މަތިން ގްރީސްގެ ޗެމްޕިއަންކަން ސިމިކާސް ހޯދާފައިވާއިރު، އޭނާ ވަނީ ގްރީސްގެ ގައުމީ ޓީމަށް މިހާތަނަށް ތިން މެޗު ކުޅެދީފައެވެ.

ސިމިކާސް އަކީ އަންނަ ސީޒަނަށް ލިވަޕޫލުން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާ ގެނައުމުގެ ކުރިން ލިވަޕޫލުން ވަނީ ނޯވިޗް ސިޓީގެ ޑިފެންޑަރު ޖަމާލް ލެވިސް ގަތުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު ފަހުން އޭނާ ނުގަންނަން ލިވަޕޫލުން ނިންމީ ނޯވިޗުން ކިޔާ އަގު ބޮޑުވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް