އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނިކޮށް ވައިޓް ހައުސްގެ ބޭރުގައި ބަޑިޖެހުމުން އެ ބައްދަލުވުމުން، ކުޑަ ވަގުތު ކޮޅަކަށް ޓްރަމްޕް ގެންގޮސްފިއެވެ.
ނޫސްވެރިންނާ ޓްރަމްޕް ވާހަކަ ދައްކަވަން ހުންނަވަނިކޮށް ސީކްރެޓް ސާވިސްގެ ބޮޑީގާޑަކު ގޮސް ވަނީ އެ ބައްދަލުވުމުން ޓްރަމްޕް ވަޑައިގަތުމަށް ދަންނަވައިފައެވެ. ޓްރަމްޕް ވެސް ވަނީ ސީކްރެޓް ސާވިސްގެ އޮފިސަރާ އެކު ވަޑައިގެންފައެވެ. އަދި ޓްރަމްޕް ޕްރެސް ރޫމް ދޫކުރައްވާ ވަޑައިގަތުމުން އެ ރޫމްގައި ތިބި ނޫސްވެރިންނާއެކު އެ ރޫމް ވަނީ ބަންދުކޮށްފައެވެ.
ޕްރެސް ރޫމުން ޓްރަމްޕް ވަޑައިގަތުމާއެކު ވައިޓް ހައުސްގެ ބަގީޗާގައި ސީކްރެޓް ސާވިސްގެ އެޖެންޓުން އޮޓޮމެޓިކް ރައިފަލްއާއެކު ހަރަކާތްތެރިވާން ފެށިއެވެ.
އޭގެފަހުން ފަހުން ޓްރަމްޕް ވަނީ ނޫސްވެރިންގެ ބައްދަލުވުމަށް އެނބުރި ވަޑައިގެންފައެވެ. ޓްރަމްޕް ވިދާޅުވީ ވައިޓް ހައުސްގެ ބޭރުގައި ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި މިހާރު އެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ހަތިޔާރު ހިފައިގެން އުޅުނު މީހާ ގަޔަށް ސީކްރެޓްސް ސާވިސް އިން ބަޑިޖެހި ކަމަށާއި މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ޓްރަމްޕް ވަނީ ސީކްރެޓް ސާވިސްގެ ހުށިޔާރު ކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ސީކްރެޓް ސާވިސް އިން މި ހާދިސާ ހިނގާ ދިޔަ ގޮތުގެ ތަފްސީލު ދެއްވަމުން ސީކްރެޓް ސާވިސްގެ ޔުނިފޯމް ޑިވިޝަންގެ ޗީފް ޓޮމް ސުލިވަން ވިދާޅުވީ ސެވަންޓީންތު ސްޓްރީޓާއި ޕެންސިލްވޭނިއާ އެވެނިއުގެ ކަންމަތީގައި ހުރި ސީކްރެޓް ސާވިސްގެ އޮފިސަރެއްގެ ކައިރިއަށް 51 އަހަރުގެ ފިރިހެނަކު ކައިރިވާން އުޅުނު ކަމަށެވެ. އެ މީހާ ވަނީ އަތުގައި ހަތިޔާރު ހުރި ކަމަށް ބުނެ ސީކްރެޓް ސާވިސްގެ އޮފިސަރާ ދިމާލަށް ދުއްވައިގެންފައެވެ.
އެ މީހާ ހަމަލާދީފާނެ ކަމަށް ބަލާ ސީކްރެޓް ސާވިސްގެ އޮފިސަރު ވަނީ އެ މީހާ ގަޔަށް ބަޑިޖަހާފައި ކަމަށް ސުލިވަން ވިދާޅުވިއެވެ.
އިމަޖެންސީ މެޑިކަލް ސާވިސް އިން ވަނީ ހަތިޔާރު ގެންގުޅުނު މީހާއި ސީކްރެޓް ސާވިސްގެ އޮފިސަރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ސުލިވާން ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް ސީކްރެޓް ސާވިސް އޮފީސް އޮފް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީން ބަލާނެ ކަމަށެވެ.