އީރާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދާއި އޮޅުވާލި ކަމަށް ރިޕޯޓްކުރި ނޫހެއް އެ ގައުމުގެ ސަރުކާރުން ބަންދުކޮށްފިއެވެ.
ޖަހަން އީ ސަނަތް ނަމަކަށް ކިޔާ މި ނޫސް ބަންދުކޮށްފައިވަނީ އާދިއްތަ ދުވަހު ނޫހުގައި ޖަހާފައިވާ އިންޓަވިއުއެއްގެ ސަބަބުން ކަމަށް ނޫސް ޕޭޕަރުގެ ޗީފް އެޑިޓަރ މުހައްމަދު ރެޒާ ވަނީ އިސްލާމިކް ރިޕަބްލިކް ނިއުސް އަށް ވިދާޅުވެފައެވެ.
އާދިއްތަ ދުވަހު އެ ނޫހުން އަށް ދެއްވި އިންޓަވިއުއެއްގައި އެޕިޑަމޮލޮޖިސްޓެއް ކަމަށްވާ މުހައްމަދު މަހްބޫބްފަރު ވިދާޅުވީ، އިރާނުގައި ކޮވިޑް ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންގެ އަދަދު ކަމަށް ރަސްމީ އިދާރާތަކުން އާއްމުކޮށްފައިވާ އަދަދުތަކަކީ އަސްލު އަދަދުގެ ފަސް އިންސައްތަ ކަމަށެވެ. ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ސިމާ ސަދަތް ލަރި ވަނީ މަހްބޫބްފަރު ދެއްކި ވާހަކަތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަހްބޫންފަރު އަކީ ކޮރޯނާ ވައިރަހާ ދެކޮޅަށް އުފައްދާފައިވާ ޓާސްކު ފޯހުގެ މެމްބަރެއް ވެސް ނޫން ކަމަށެވެ. އެކަމަކު އޭނާ އަކީ މީގެ ކުރިން އެ ޓާސްކު ފޯސްގައި މަސައްކަތް ކުރެއްވި ޑޮކްޓަރެއް ކަމެއް ނުވަތަ ނޫން ކަމެއް ސިމާ، ވިދާޅެއް ނުވެއެވެ.
މަހްބޫބްފަރު ވިދާޅުވީ، ޖެނުއަރީ މަހު އީރާނުން ކޮވިޑް ފެނިފައިވާ ކަމަށެވެ. އެކަމަކު އެ ގައުމުން ފުރަތަމަ މީހަކަށް ބަލި ޖެހި ދެ މީހުން މަރުވިކަން ސަރުކާރުން ހާމަކުރި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
ފެބްރުއަރީ މަހު ބާއްވަން އުޅުނު ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ އިސްލާމިކް ރިވޮލޫޝަންގެ އަހަރީ ދުވަހަށް ހުރަސް އެޅިދާނެތީވެ އެ ގައުމުގައި ކޮވިޑް ފެތުރިފައި އޮތް މިންވަރު ހާމަކުރަން ސަރުކާރުން ވަނީ މީގެ ކުރިން ދެކޮޅު ހަދާފައެވެ.
މެދުއިރުމަތީގައި އެންމެ ބޮޑަށް ކޮވިޑުގެ އަސަރުކޮށްފައިވާ އިރާނުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ތިން ލައްކަ އަށްވުރެ މައްޗަށް އަރާފައެެވެ. ބަލި ޖެހިގެން އަށާރަ ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިރާނުގައި ކޮވިޑު ޖެހުނު މީހުންގެ އަދަދުތަކާއި މެދު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އިތުރުން ބައެއް ތަޖުރިބާކަރުން ވަނީ ޝައްކު އުފައްދާފައެވެ. އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތަހުލީލު މަރުކަޒުން އެޕްރީލް މަހު ނެރެފައިވާ ރިޕޯޓް ބުނާ ގޮތުން ހެލްތް މިނިސްޓްރީން ރިޕޯޓް ކުރާ އަދަދަށްވުރެ ކޮވިޑްގެ ކޭސްތައް ދެ ގުނަ އިތުރެވެ.