ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޯޓުން ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިޕް އަލީ ޒަރްދާރީއަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޯޓުގައި ހޯމަ ދުވަހު ކުރިޔަށްދިޔަ އަޑު އެހުމުގައި ރައީސް ޒަރްދާރީ ބައިވެރިވެ ވަޑައިގެންނެވީ ވީޑިއޯ ކޮންފަރެސް މެދުވެރިކޮށެވެ.
އެންޓި ކޮރަޕްޝަން ކޯޓުގައި ކުރިޔަށްދިޔަ އަޑު އެހުމުގައި ރައީސް ޒަރްދާރީގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ ގްރެފިޓް ކޭސްގައި ޕާކިސްތާނުގެ އޮތޯރިޓީތަކުން ބޮޑު އަގުގައި ކޮމްޕެނީތަކަށް ލޯނު ދިނުމުށް ރައީސް ޒަރްދާރީ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އެވެ.
އެންޓި ކޮރަޕްޝަން ކޯޓުން ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ޒަރްދާރީ ވަނީ އޭނާގެ ވަކީލުންވީ ސްޕްރީމް ކޯޓުގައި ކަމަށް ވިދާޅުވެ ވަކީލުންގެ ހާޒިރުގައި ނޫން ގޮތަށް މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޯޓުން ވަނީ އޭނާގެ ވަކީލުން އަޑުއެހުން ނިމުމުގެ ކުރިން ކޯޓަށް ހާޒިރު ނުވާނަމަ ވަކީލުންނާއި ނުލާ އަޑުއެހުން ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ.
މި ތުހުމަތުތަކާއިއެކު ޒަރްދާރީގެ މައްޗަށް ސަރީއަތް ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ތުހުމަތުތަކަށް ޒަރްދާރީ ވަނީ އިންކާރު ކުރައްވާފައެވެ. ޒަރްދާރީ ވިދާޅުވީ މިއީ ބަޔަކު މީހުން ރާވައިގެން އެމަނިކުފާނު ބޮލުގައި އަޅުއްވަމުން ގެންދާ އިލްޒާމެއް ކަމަށް ވިދާޅުވެފައެވެ. ޒަރްދާރީ އިތުރަށް ވިދާޅުވީ މިއީ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަޑީގައި ހުންނަވާގެން އެމަނިކުފާނުގެ ޕާޓީން ކުރިޔަށް ގެންދަވާ ސިޔާސީ ކަމެއް ކަމަށެވެ.