ޖަލުތަކުގައި ތިބި 400 ތާލިބާނުން ދޫކޮށްލުމަށް އަފްޣާނިސްތާން ސަރުކާރުން އެއްބަސްވެއްޖެ އެވެ.
އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި 400 ހާޑްކޯރ ތާލިބާނުން ޖަލުން ދޫކޮށްލުމާއި ގޮތެއް ނިންމުމަށް ހާހެއްހާ އަފްޣާނިސްތާނުގެ އިސްފަރާތްތަކުން އާދިއްތަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ފާސްކޮށްފައިވަނީ 400 ތާލިބާނުން ދޫކޮށްލުމަށް ސަރުކާރަށް ލަފާއެރުވުމަށެވެ. ކާބުލްގައި ބޭއްވި މިބައްދަލުވުމުގައި ތާލިބާންގެ 400 ގައިދީން ދޫކޮށްލުމަށް ފާސްކުރުމާއި ގުޅިގެން އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ޖަލުތަކުގައި ތިބި ތާލިބާނުން ދޫކޮށްލުމުގެ އަމުރުގައި ސޮއިކުރައްވާނެ ކަމަށެވެ.
އަފްޣާނިސްތާނުގެ އިސް ފަރާތްތަކުން ފާސްކުރި މިފާސްކުރުމުގައި ބުނެފައިވަނީ ތާލިބާންގެ 400 މީހުން ދޫކޮށްލައިގެން 20 އަހަރު ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތާލިބާނާއެކު ވާހަކަތައް ފެށުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ. އަދި ޖަލުތަކުގައި ތިބި ތާލިބާނުން ދޫކޮށްލުމާއެކު އިތުރު ބަހަނާއެއް ނުދައްކާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށްވެސް ފާސްކުރި ބަޔާނުގައި ބުނެފައިވެ އެވެ.
ޖަލުތަކުގައި ތިބި ތާލިބާންގެ ހަނގުރާމަވެރިން ދޫކޮށްލުމަކީ 2001 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދައްކަމުންދާ ސުލްހައިގެ ވާހަކައިގެވެސް ހިމެނޭ މައިގަނޑު ކަމެކެވެ. ތާލިބާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކޮށްފައިވާ އެއް ޝަރުތަކީ ޖަލުތަކުގައި ތިބި ތާލިބާނުން ދޫކޮށްލުމެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި ތާލިބާނުންގެ މެދުގައި ދެކެވުނު ސުލްހައިގެ ވާހަކަތަކަށްފަހު އެއްބަސްވެފައިވަނީ އަފްޣާނިސްތާނުގެ ބިމުގައި ހަރަކާތްތެރިވާ އެމެރިކާގެ ހުރިހާ ސިފައިން އެގައުމަށް ފޭބުމަށެވެ. އަދި އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާނުންގެ 5000 އެއްހާ ގައިދީން ދޫކޮށްލުމަށް ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ޝަރުތުކޮށްފައެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން މިހާތަނަށް އައިއިރު 400 ތާލިބާނުން ފިޔަވައި އެހެން ހުރިހާ ތާލިބާނުން ވަނީ ޖަލުތަކުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްނުލާ ބައިތިއްބާފައިވަނީ ނުރައްކާތެރި ހަމަލާތަކެއް ދިނުމުގެ ފަހަތުގައި އެމީހުން ޝާމިލްވާތީކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބުނެއެވެ. މީގެތެރޭގައި 2017 ވަނަ އަހަރު ކާބުލްގައި ހުންނަ ޖަރުމަނު އެމްބަސީއަށް ދިން ބޮމުގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ.
400 ތާލިބާނުން ދޫކޮށްލުމާއެކު އަންނަ ހަފްތާ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށޭނެކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. އަދި މިވާހަކަތައް ކުރިޔަށްދާނީ ކުރިންވެސް ވާހަކަތައް ކުރިޔަށްގެންދިޔަ ގަތަރުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.