ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރަންޖެހޭ ވާހަކައާއި، އަތޮޅު ތެރޭގެ މީހުން މާލެއަށް އައިސް ބޭސްފަރުވާ ހޯދަން ޖެހޭ ވާހަކައަކީ އާންމުކޮށް ދިވެހި ރައްޔިތުން ދައްކާއުޅޭ ވާހަކައެކެވެ. އެގޮތުން ކޮންމެ ރިޔާސީ އިންތިހާބެއް ބޯމަތިވާއިރު، އެންމެ މުހިއްމު މައުދުތަކުގެ ލިސްޓްގެ ކުރީގައި އުޅެނީވެސް ސިއްހީ ނިޒާމު ރަނގަކުރުމުގެ ވައުދުތަކެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުވާކަން ބެލުމަށް ކޮންމެހެން، ބޮޑު ދިރާސާއެއް ކުރާކަށް ނުޖެހެ އެވެ. މިއީ ރޮކެޓް ސައިންސެއް ނޫނެވެ. މިކަމަކީ މަންޒަރުން ލޮލުން ފެންނަން ހުރި ކަންކަމެވެ. ތަފާސް ހިސާބުތަކަށް ބެލުމުން ރާއްޖޭގެ ސިއްހީ ނިޒާމު އޮތްގޮތް ދެނެގަނެވޭނެ އެވެ. އެގޮތުން އެންމެ ފަސޭހައި ރާއްޖޭގެ ސިއްހީ ނިޒާމު އޮތް ގޮތް ދެނެގަނެވޭނީ، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، މާލެ އަށް ބޭސްފަރުވާ ހޯދަން އަންނަންޖެހޭ މިންވަރުގެ މައްޗަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ދަނީ ދުވަހަކަށްވުރެ ދުވަހެއް ދަށަށް ކަމަށް ވިދާޅުވެ، ރާއްޖޭގެ ސިއްހީ ދާއިރާގައި އުޅުއްވާ ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ވަޑައިގެން ވިދާޅުވި ވާހަކަތަކާ ގުޅިގެން، އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ބައެއް މައުލޫމާތު އޮޅުންފިލުވުމަށް ރާއްޖެޓީވީން އެދުމުން، "ރާއްޖެޓީވީ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞަލިހުގެ ސަރުކާރުން ސިއްހީ ދާއިރާއިން ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، ސިއްހީ ދާއިރާގެ ސިޔާސަތުތައް ބަރާބަރަށް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ރާއްޖެއަށް ދުވަހަކުވެސް ސިއްހީ ދާއިރާއިން ނުލިބޭ ކުރިއެރުންތައް ހޯދިއްޖެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެގޮތުން މިނިސްޓަރ އަމީން ވިދާޅުވީ މިހާރު އަތޮޅުތަކުން މާލެއަށް ބޭސްފަރުވާ ހޯދުމަށް އަންނަ މީހުންގެ އަދަދު މަދުވެފައިވާ ކަމަށާއި، އަތޮޅު ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދުގައި ސަރުކާރުން ގާއިމު ކުރުމަށް ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލްތަކުން ރައްޔިތުންނަށް މިއަހަރުގެ މެދުތެރޭގައި ހިދްމަތްމަތް ދެވޭނެ ކަމަށް ކުރިން ލަފާކުރިނަމަވެސް، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ފަސް ޓާޝިއަރީ ހޮސްޕިޓަލުން މިއަހަރު ނިމުމުގެ ކުރިން ހިދްމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ވަނީ ދެއްވާފަ އެވެ.
ފަސް ހޮސްޕިޓަލް ތަރައްގީގެ މަޝްރޫއު އަޅުގަނޑުމެން އަމާޒު ހިފީ މިއަހަރުގެ މެދާހަމައަށްދާއިރު ހިދްމަތް ފޯރުކޮށްދިނުމަށް. އެ ފަސް ހޮސްޕިޓަލުގެ ތަރައްގީގެ ތެރެއިން ބޭނުންވާ އިންސާނީ ވަސީލަތާއި ބޭނުންވާ އިކުއިޕްމަންޓް، މެޝިނަރީތަކާއި މިތަކެތި ގާތްގަނޑަކަށް ހަމަކުރެވިފައިހުރީ. ދެން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅުގައި ބައެއް ތަންތަނަކަށް ގެންނަންޖެހޭ މަސައްކަތްތައް ފެށި، އަދި މިދިއަ އަހަރުގެ ތެރޭގައި ފެށި މަސައްކަތްތައް މިހާރު ވަނީ ނިމިފައި، މިއަހަރުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިމި، ކޮވިޑް-19 އާގުޅިގެން މަޑު ޖެހުމެއް އައިނަމަވެސް މިއަހަރުގެ ތެރޭގައި ހިދްމަތް ދޭން ފެށޭނެކަމަށް އުއްމީދު ކުރަން.ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
މިނިސްޓަރު އަމީން ވިދާޅުވީ، ޓާޝިއަރީ ހޮސްޕިޓަލުތައް ގާއިމުކުރުމުގެ މައްސައްކަތްތަކުގެ ދަށުން ހޮސްޕިޓަލުތަުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރުވެސް މާލެއަށް ބޭސްފަރުވާ ހޯދަން އަންނަ މީހުން ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށެވެ.
މިދިއަ 2019 ވަނަ އަހަރު ނިމުނުއިރު، އަޅުގަނޑުމެންނަށް މި ހޮސްޕިޓަލަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން 2019 ވަނަ އަހަރު ހާސިލްކުރެވުނު މިންވަރަށް ބަލާއިރުވެސް އަތޮޅުތެރޭގެ އެކިއެކި ސަރަހައްދުތަކުން މާލެއަށް ހިދްމަތް ހޯދަން އަންނަ މިންވަރު ބޮޑުތަނުން އަޅުގަނޑުމެންނަށް ތިރިކުރެވިފައިވަނީ، އެހެންވީމާ އޭގެ ނަތީޖާ ފެންނަމުން އެދަނީ، ކުރިއެރުމުގެ ފިޔަވަޅުތަކާއެކީ މިދަނީ، ހިޔާލު ތަފާތުވުންތައް ވެސް ހުރެދާނެ، އަޅުގަނޑުގެ މަސައްކަތާދޭތެރޭގައި އެހެންގޮތަކަށް ދެކޭ މީހުންވެސް ތިއްބަވާނެ، އެހެންނަމަވެސް އަޅުގަނޑަށް މިއަދު ހިތްހަމަ ޖެހުމާއެކު ބުނަންކެރޭ، އަތޮޅު ތެރޭގެ ސިއްހީ ހާލަތު މީގެ ދޮޅު އަހަރުކުރިއަށްވުރެ މިހާރު ރަނގަޅުވާނެ.ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
އަމީން ވިދާޅުވީ، މިއަހަރުގެ ތެރޭގައި 5 ޓަޝިއަރީ ހޮސްޕިޓަލުގެ ފުރިހަމަ ހިދްމަތްތައް ލިބެން ފެށުމާއެކު މިއަހަރުގެ ތެރޭގައި ވެސް ސިއްހީ ދާއިރާއިން ރަނގަޅު ކުރިއެރުންތަކެއް އަންނާނެ ކަމަށާއި އަދި ކޮވިޑް-19ގެ މިހާލަތުން އަރައިގަނެވުމުން، ސިއްހީ ނިޒާމު ކުރިއަރަމުންދާ މިންވަރުވެސް އަވަސްވާމުންދާނެ ކަމަށެވެ.
މިސަރުކާރުން ޓާޝިއަރީ 5 ހޮސްޕިޓަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ބ. އޭދަފުށި ރީޖަނަލް ހޮސްޕިޓަލް އެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ، ޓާޝިއަރީ ހޮސްޕިޓަލެއްގެ މުޅިން އަލަށް ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ. ދެން ހުރި ރީޖަނަލް ހޮސްޕިޓަލްތަކަކީ ކުރިންވެސް ހިދްމަތް ދެމުންދިޔަ ހޮސްޕިޓަލުތައް ކަމަށްވާތީ، އެ ހޮސްޕިޓަލުތަކުން ޓަޝިއަރީ ފެންވަރުގެ ސިއްހީ ހިދްމަތް ދިނުމަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، އިމާރާތް އަދި މަރާމާތު ކުރުމުގެ މަައްސަކަތް ދަނީ ކުރިއަށެވެ.
ދިވެހިން ސިއްހީ ހިދުމަތަށް ކުރަންޖެހޭ ހޭދަ އާއި އުފުލަންޖެހޭ ބުރައިގެ ވާހަކައަކީ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅެން ފެށުނީއްސުރެން، ދައްކަމުންއައި ވާހަކައެކެެވެ. މިވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް މިއަދު އަންނަމުންދާތަން އެބަފެނެއެވެ. ކޮންމެވެސް ވަރެއް ނޫނެވެ. ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލުތައް އަޅައި، އެ ހޮސްޕިޓަލުތަކުން އެމްއާރުއައި ސްކޭނާއި ސީޓީ ސްކޭންތައް ހެދި ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް އަންނާނެ އިންގިލާބީ ބޮޑު ބަދަލަކަށްވާނެ އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި މިހާބޮޑު ކުރިއެރުންތަކެއް ހޯދުމަކީ، އިހުލާސްތެރިވެރިޔަކަށް ނޫނީ ނުވާނެ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އިހްލާސްތެރިކަން ހަމައެކަނި މިކަމުން ވެސް ދިވެހި ރައްޔިތުން ވަޒަން ކޮށްލެވިދާނެ އެވެ. މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރައްޔިތުން ދެކެމުން އަންނަ މި ހުވަފެނުގައި ކުލަޖެހުމަކީ އުއްމީދު ކުރެވޭ ކަމެއް ކަމަށް ސަރުކާރުން މިވަނީ ބުނެފަ އެވެ.
މީގެކުރިން ވެރިޔަކަށް ހުންނެވި ބޭފުޅަކު "ދަރުމަވަންތަ ހޮސްޕިޓަލް"ގެ ނަމުގައި އިމާރާތްކުރި ހޮސްޕިޓަލުގެ ސިމެންތި އޮނިގަނޑަށް އެކަނިވެސް 145 މިލިއަން ޑޮލަރު ދިވެހި ދައުލަތުން ވަނީ ޚަރަދުކޮށްފަ އެވެ. އެހޮސްޕިޓަލުގެ ކުރެހުމަށް އެކަނިވެސް، ރާއްޖޭގެ ފަޅު ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ފައިސާ ޚަރަދުކޮށްފައި ވެއެވެ. ކުރެހުމަށް އެކަނިވެސް 30 ވަރަކަށް މިލިއަން ޑޮލަރު ޚަރަދު ކުރިކަމަށް ވެއެވެ. އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލުގެ ސިމެންތި އޮނިގަނޑަށް ޚަރަދުކުރި 145 މިލިއަން ޑޮލަރަކީ އެވަރުގެ ތިން އަމާރާތް ހެދޭނެހާ ފައިސާ އެވެ.
25 ބުރީގެ އިމާރާތާއެކު، އެސަރުކާރުގެ ވެރިން ފޮނި ބަސްތައް ބުނަމުންދާއިރު، އެތަނުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ކޮޓަރިއަކުން މީހަކަށް ދަތުގެ ފަރުވާއެއް ދޭން އުޅެންޖެހޭ ހާލަތު ބުނެދެއްވާފައިވަނީ މިސަރުކާރުގެ ސިޔާސީ ވެރިއެއް ނޫނެވެ. އަދި މިސަރުކާރުގެ ސިއްހީ ނިޒާމު ރަނގަޅު ނޫންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް މައުލޫތު ދެއްވި ދަތުގެ ޑޮކްޓަރެކެވެ. އޭނާ ވިދާޅުވާ ގޮތުން ދަތުގެ ފަރުވާ ދޭން ހުރި ކޮޓަރީގެ ޖާގަ ކުޑަކަމުން، ރަނގަޅަށް މަސައްކަތްވެސް ނުކުރެވެ އެވެ.
އިހުލާސްތެރިވެރިން ކަންކުރައްވާގޮތް ނިކަން ދެކެބަލާށެވެ. މާގިނަ ފޮނި ބައިސާ ކަނޑާކަށް ނުހަދަ އެވެ. ރާއްޖޭގައި ޓާޝިއަރީ 5 ހޮސްޕިޓަލް ގާއިމުކުރާކަން ފިޔަވާ އިތުރުވާހަކައެއް ނުދައްކަވަ އެވެ. އެކަން ކުރާހެންވެސް ހީނުވެއެވެ. އެކަމަކު މުޅި ދުނިޔެ ކޮވިޑް-19 އާހެދި ކުޑަކަކޫ މައްޗަށް ތިރިވެފައިވާ މިދަނޑިވަޅުގައި ވެސް މަސައްކަތް ކުރަމުން ގޮސް ނިންމާލުމަށް މަސައްކަތްކުރަނީ އެވެ.