ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 18:49
ޒުވާން ކުދިންތަކެއް - ޒުވާނުންނަކީ އެންމެ އަގުބޮޑު ރައުސްމާލް
ޒުވާން ކުދިންތަކެއް - ޒުވާނުންނަކީ އެންމެ އަގުބޮޑު ރައުސްމާލް
އެމެރިކާ މެގަޒިން
ޒުވާނުންގެ މިސްރާބު ނުރައްކަލާ ދިމާލަށް
ޒުވާނުންގެ މިސްރާބު ހުރީ ނުރައްކަލާ ދިމާލަށް
ޒުވާނުންނަކީ ޤައުމެއްގައި ތިބި އެންމެ އަގުބޮޑު ރައުސްމާލް
ޒުވާންކަމަކީ އިންސާނާގެ ޢުމުރުގައި މާތްﷲ ލައްވާފައިވާ ދައުރުތަކުގެ ތެރެއިން އެންމެ މުހިއްމު އެންމެ ބޭނުންތެރި ދައުރު

ޤައުމެއްގައި ވަރަށް ގިނަ ރައުސްމާލްތައް ހުންނާނެއެވެ. އެކި ދާއިރާތަކުން އެކި ޙައިޘިއްޔަތުންނެވެ. ވިޔަފާރީގެ ގޮތުންނާއި ކުރިއެރުމާއި ޙަޟާރަތުގެ ގޮތުންނެވެ. ތަހްޛީބާއި ތަމައްދުނުގެ ގޮތުންނެވެ. މިހުރިހާ ކުރިއެރުމެއް ބިނާވެގެންވަނީ އެޤައުމަކަށް ލިބިފައިވާ މޮޅުޒުވާން ޖީލެއްގެ މައްޗަށެވެ. ޒުވާނުންނަކީ ޤައުމެއްގައި ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލެވެ. ޤައުމެއް ކުރިއެރުމާއި ނިކަމެތިވުން ބިނާވެފައި ވަނީ މިބުނެވުނު ރައުސްމާލަށް އަންނަ މޮޅު ދެރައިގެ މައްޗަށެވެ.

ޒުވާންކަމަކީ އިންސާނާގެ ޢުމުރުގައި މާތްﷲ ލައްވާފައިވާ ދައުރުތަކުގެ ތެރެއިން އެންމެ މުހިއްމު އެންމެ ބޭނުންތެރި ދައުރެވެ. މިދައުރު ބޭކާރުވިޔަދީގެން ނުވާނެއެވެ. ލޮބުވެތި ރަސޫލާގެ ޙަދީޘު ބަސްފުޅުގައި އަންނަފަދައިންނެވެ. [وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ عَزَّ وَجَلَّ] މާނައީ: ޤިޔާމަތް ދުވަހު އެންމެ ކާމިޔާބުވާނެ އެކަކީ ﷲގެ ޙަޟުރަތަށް ބޯލަނބައިގެން ކިޔަމަންތެރިކަމުގެ ތެރޭގައި އުޅެ ބޮޑުވާ މުސްލިމު ޒުވާނާއެވެ.([1])

މިއަދު އަޅުގަނޑުމެންގެ ޒުވާނުން ތަރުބިޔަތުވަނީ މިގޮތަށްތޯއެވެ؟ މިޒުވާނުންގެ ވާހަކަތައް އަޑުއަހާ މީހަކު ހިތާމައިން ހިތްފަޅައިގެން ދާވަރުވާނެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކަރުނަ ނާޅާ ހަމަ އެއްމެ ޢާއިލާއެއްވެސް ނެތޭބުންޏަސް ގޯހަކަށް ނުވާނެެއެވެ. އެއްބަޔަކު ދީނީގޮތުން ހައްދުފަހަނަޅައި ތިމާމެން އަމިއްލައަށް ހިތުހުރި ގޮތަކަށް ދީނުގެ ކަންތައްތަކަށް ފަތުވާ ދެމުން ތިމާމެންގެ ޒާތީ މަފާދާއި ހަތިޔާރަކަށް ދީން ބޭނުން ކުރަމުން ހައްދު ފަހަނައަޅައި ގޮސް ދީނަކީ ނޫޅެވޭވަރުގެ ދަތި އުނދަގޫ އެއްޗަކަށް ހަދަމުން ދަނީއެވެ. ތިމާ ޤަބޫލު ނުކުރާ ކޮންމެކަމަކީ ނުވަތަ ތިމާ ނޫޅޭ ކޮންމެ ގޮތަކީ ބާޠިލާއި ކުފުރަކަށް ބަދަލު ކުރަމުން، އަނެކުން ކާފިރުކުރަމުން އަމިއްލަައަށް މަގުފުރެދެމުން އަނެކުން މަގު ފުރައްދަމުން، މިފަތުވާތަކުގެ ދަށުން ޙައްޤަކާ ނުލައި މީސްމީހުން މަރަމުން ޤަތުލު ހުއްދަ ކުރަމުން ދަނީއެވެ.

[1]މިޙަދީޘު ރިވާކުރައްވާފައިވަނީ ހަ އިމާމުންނެވެ.

ސީރިއާ - ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީރިޔާ އަށް މީހުން ގޮސްފައިވޭ

އަނެއްބަޔަކު ދީން ދޫކޮށްލާފައި ދީނަށް ފުރައްސާރަ ކުރަމުން ހިތުހުރި އެއްޗެއް ދީނާ މެދު ބުނަމުން ލާއިންސާނީ ކަންތައްތަކަށް ގޮވަމުން އެއީ އިންސާނީ ޙައްޤުތަކޭބުނެ އެކަންކަމުގެ މިނިވަންކަން ލިބިގަތުމަށް އަޑު އުފުލަމުންދަނީއެވެ.

އަނެއްބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހި ތިމާމެންގެ ނަފްސާއި މުޅި ޤައުމު ބަރުބާދު ކުރަމުން ދަނީއެވެ. މިހެންގޮސް މިފަދަ ޒުވާނުންގެ މުނިފޫހިފިލުވުމަކީ ޑްރަގް ނެގުންކަަމަށް ވެއްޖެއެވެ. ހަމަހެއިގައި އުޅެވޭ ވަގުތެއް މިފަދަ ޒުވާނުންނަކަށް ނުލިބެއެވެ. ކިރިޔާވެސް ހުސްވަގުތެއް ލިބޭހިނދު ތުންފަތުގައި ޖައްސާލާ ހިތްވަނީ ޝީޝާގެ ހޮޅިގަނޑުގެ ކޮޅެވެ.

ކުށުގެ ވެށިން ބަޔަކު ޗެކްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ޒުވާނުންނެއް ވަނީ މަގު ގެއްލިފައި

މިކަންކަން އިޞްލާޙުކުރަން ތިބީވެސް ހަމަ ޒުވާނުންނެވެ. އެހެންނަމަވެސް އެފަދަ ޒުވާނުންވެސް އިސްލާމް ދީނުގެ ނަމުގައި އެދަނީ ކުފުރުގެ ފަތުވާތައް ފަތުރަމުން ޤަތުލުކުރުމާއި މީހުން މެރުމަކީ އަދި ތިމާމެން ދުނިޔެއަށް އައި މަޤްޞަަދަކީ މިކަންކަން ކަމުގައި ދެކިގެން ޢަމަލީ މައިދާނުގައި އެމަޤްޞަދު ޙާޞިލު ކުރެވޭތޯ ބަލަމުންނެވެ. މިއީ ފަހުޒަމާނުގައި މިކަން ވާންއޮތް ގޮތްކަމަށް ވެސް ވެދާނެއެވެ. ފަހުޒަމާނުގައި މިފަދަ މީހުން ފާޅުވާނެކަމުގެ ހިތާމަވެރި ޚަބަރު ލޮބުވެތި ރަސޫލާ ވަނީ މާކުރިން މިއުއްމަތަށް ދެއްވައި އެކަމަށް ސަމާލުވެތިބުމަށް އިރުޝާދު ދެއްވާފައެވެ. ނިކަން ލޮބުވެތި ރަސޫލާގެ ޙަދީޘު ބަސްފުޅާމެދު ވިސްނާލަމާ ހިނގާށެވެ.

[عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ أَيُّهَا النَّاسُ إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ يَخْرُجُ قَوْمٌ مِنْ أُمَّتِي - [أَحْدَاثُ اْلأَسْنَانِ سُفَهَاءُ اْلأَحْلاَمِ] - يَقْرَءُونَ الْقُرْآنَ لَيْسَ قِرَاءَتُكُمْ إِلَى قِرَاءَتِهِمْ بِشَيْءٍ وَلاَ صَلاَتُكُمْ إِلَى صَلاَتِهِمْ بِشَيْءٍ وَلاَ صِيَامُكُمْ إِلَى صِيَامِهِمْ بِشَيْءٍ يَقْرَءُونَ الْقُرْآنَ يَحْسِبُونَ أَنَّهُ لَهُمْ وَهُوَ عَلَيْهِمْ لاَ تُجَاوِزُ صَلاَتُهُمْ تَرَاقِيَهُمْ يَمْرُقُونَ مِنْ اْلإِسْلاَمِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ لَوْ يَعْلَمُ الْجَيْشُ الَّذِينَ يُصِيبُونَهُمْ مَا قُضِيَ لَهُمْ عَلَى لِسَانِ نَبِيِّهِمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَتَّكَلُوا عَنْ الْعَمَلِ بِيضٌ]

މާނައ: މާތް ﷲ ރުއްސުންލެއްވި އަމީރުލް މުއުމިނީނަ ސައްޔިދިނާ ޢަލީގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އޭ މީސްތަކުންނޭވެ! ކީރިތި ރަސޫލާގެ މިފަދައިން ޙަދީޘު ކުރެއްވިއަޑު ތިމަން ކަލޭގެފާނު އެއްސެވީމެވެ. ތިމަން ރަސޫލާގެ އުއްމަތުގެ ބަޔަކު ފަހު ޒަމާނުގައި ޙަޤީޤީ މުސްލިމުންނާ ދެކޮޅަށް ނިކުންނާނެތެވެ. އެބައިމީހުން ޢުމުރުން ޅަވެފައި ބުއްދި ފުރިހަމަ ނުވާނެއެވެ. ޤުރުއާން ކިޔަވައި އުޅޭނެއެވެ. އެބައިމީހުންގެ ކިޔެވުމާ އަޅާބަލާއިރު ތިޔަބައި މީހުންގެ ކިޔެވުން އެއްޗަކަށް ނުވާނެއެވެ. އެބައިމީހުންގެ ނަމާދާ އަޅާބަލާއިރު ތިޔަބައި މީހުންގެ ނަމާދަކީ ވެސް މާބޮޑު އަގެއްހުރި ކަމަކަށް ނުވާނެއެވެ. އެބައި މީހުންގެ ރޯދައާ އަޅާބަލާއިރު ތިޔަބައި މީހުންގެ ރޯދަ އަކީވެސް އެއްވެސް އެއްޗަކަށް ނުވާނެއެވެ. ދަންނާށެވެ! މިބައިމީހުން ޤުރުއާން ކިޔަވާހިނދު އެބައިމީހުން ހީކުރާހުށީ ތިމަންމެނަށް އެއިން ފައިދާ ލިބޭނޭކަމަށެވެ. އެހެންނާ އެބައި މީހުންނަށް ނޭގުނުކަމުގައި ވިއަސް ޙަޤީޤަތުގައި އެއީ އެބައިމީހުންގެ މައްޗަށްހުރި ވަބާއެކެވެ. އެބައި މީހުން ގިނަގިނައިން ނަމާދު ކުރާނެއެވެ. އެހެނަސް އެއިން ނަމާދެއް އެބައިމީހުންގެ މެޔާ ހަމަޔަށް، ކަރަށް ވުރެން ތިރިއަކަށް ވާޞިލު ނުވާނެއެވެ. (އެބަހީ އެބައިމީހުންގެ ހިތު ތެރެއަކު ﷲއަށްޓަކައި އިޚްލާޞްތެރި ކަމެއް ނޯންނާނެއެވެ.) އެބައިމީހުން ދީނުން ބޭރުވެެގެން ދާހުށީ ދުނި ދަނޑިއަކުން ތީރެއް ވީއްލިގެން ދާހެންނެވެ. މި ނުބައި ޢަމަލު ހިންގާ ޒުވާނުންނާ ބައިވެރިވެ ހަނގުރާމަ ކުރަމުންދާ ލަޝްކަރީންނަށް އެބައިމީހުންގެ އެ ޢަމަލާމެދު އެބައިމީހުންގެ ނަބިއްޔާގެ އަރިހުން އައިސްފައި އޮތް ޙަދީޘު ބަސްފުޅު އެނގޭ ނަމަހީ އެލަޝްކަރީން ތިމާމެންގެ ހެއު ޢަމަލު ދޫކޮށް، މިނުބައި ޢަމަލަށް ބަރޯސާވެރި ވެގެން ނުތިބީސްކަން ކަށަވަރެވެ.([1])

މިނުބައި ސުންޕާ ޢަމަލުން މާތްﷲ އަޅަމެން އެންމެހައި މުސްލިމުން ސަލާމަތް ކުރަށްވާށިއެވެ. ޤައުމުގެ ޒުވާނުންނަށް ހެއު ވިސްނުން ދެއްވާށިއެވެ. އާމީން!

[1]މިޙަދީޘު ކުދިކުދި ތަފާތަކާއެކު ހަ އިމާމުން ރިވާކުރަށްވާފައި ވެއެވެ. މިތާގައި ވަނީ މުސްލިމާއި ތިރްމިޛީގެ ޢިބާރަތެވެ.

- ކޮމެންޓް