ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 04:29
ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލުމުގެ މަސައްކަތްކުރަނީ
ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލުމުގެ މަސައްކަތްކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ކޮވިޑް-19 ޖެހިގެން ބްރެޒިލް ގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފި
ބްރެޒިލް އިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު
ވައިރަސް ޖެހިގެން 50،000 މީހުން މަރުވާން ނެގީ ތިން މަސްދުވަސް
އިތުރު 50،000 މީހުން މަރުވާން ނެގީ 50 ދުވަސް

ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފި އެވެ.

ބްރެޒިލްގައި މިހާތަނަށް އައިއިރު 100,477 (އެއް ލައްކަ ހަތަރު ހާސް ހަތްދިހަ ހަތް) މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ބްރެޒިލްގައި ކޭސްތައް އިތުރުވަމުން އައި ނަމަވެސް އެގައުމުގައި އަންނަނީ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާލަމުންނެވެ.

ބްރެޒިލް އިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ވައިރަސް ޖެހިގެން 50،000 މީހުން މަރުވާން ނެގީ ތިން މަސްދުވަހެވެ. އެއަދަދު ލައްކައަކަށް އަރަން ނެގީ 50 ދުވަހެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތާއެކު އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ލޮކްޑައުންއަކަށް ދިޔުމަށް ފާޅުގައި ދެކޮޅު ހައްދަވާ ، މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ބޮލްސޮނާރޯ ވަނީ ވާހަކަފުޅު ދައްކަވާ އެގޮތަށް އަމަލުވެސް ކުރައްވާފަ އެވެ. އަދި އެކަމަށް ގޮވާލަމުންދިޔަ އޮފިޝަލުން ވަނީ އެންމެ ފަހުން މަގާމުން ވަކިވެސްވެފަ އެވެ.

ބްރެޒިލްގެ އިންފެކްޝިއަސް ޑިޒީސް ސޮސައިޓީގެ ސީނިއާރ މެމްބަރެއް ކަމުގައިވާ ޑރ ޖޯސޭ ޑާވީ ވިދާޅުވީ ވައިރަސް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބްރެޒިލް އުޅެނީ ވަރަށް ފަހަތުގައިކަމަށެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަދިވެސް ބްރެޒިލްގައި އެކަށީގެންވާ ޕްލޭނެއް ހެދިފައިނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިހާތަނަށް އައިއިރު ބޮލްސޮނާރޯ ގެ ސިޔާސަތުތަކާއި ދެކޮޅު ހެއްދެވި ދެ ހެލްތު މިނިސްޓަރުން ވަނީ ވައިރަސް ފެތުރެން ފެށިފަހުން އިސްތިއުފާ ދެއްވާފަ އެވެ. މިހާރު ހުންނެވި އެކްޓިންގ ހެލްތު މިނިސްޓަރަކީ އާރމީ ޖެނެރަލެކެވެ.

ހުދު ބޮލްސޮނާރޯ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވާފައެވެ. ގާތްގަޑަކަށް މަސްދުވަސްވަންދެން އެކަމަށް ފަރުވާ ހޯއްދެވުމަށް އުޅުއްވުމަށްފަހު ރަނގަޅުވުމުން ވިދާޅުވެފައިވަނީ ޝުކުރު ހައްގުވަނީ ހައިޑްރޮކްސިކްލޯރޯކިޔުން އަށް ކަމަށެވެ. މިއީ ވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ބޭނުންކުރާ އެންޓި މެލޭރިޔާ ޑްރަގެކެވެ. ނަމަވެސް މިބޭސް ބޭނުންނުކުރުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފަ އެވެ. ނަމަވެސް ބޮލްސޮނާރޯއަކީ އެބޭސް ބޭނުންކުރުމަށް ބާރުއަޅުއްވަމުން ގެންދެވި ލީޑަރެކެވެ.

ބްރެޒިލްގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ތިން މިލިއަނަށްވުރެ ގިނަ އެވެ. ބްރެޒިލްގެ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަދިވެސް އެގައުމުގައި ވައިރަސް ކޮންޓްރޯލްކުރެވޭނެ ދުވަހެއް ބުނާކަށް ނޭންގެއެވެ.

- ކޮމެންޓް