އަންނަ ސީޒަނުގައިވެސް ފެންނާނީ ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ކަމަށް ޒިނެދިން ޒިދާން ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ސިޓީ އަތުން ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލްގެ ކޯޗުގެ މަގާމު އަދާކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަންނަ ސީޒަނުގައި ވެސް ފެންނާނީ ރެއާލުން ކަމަށެވެ.
ޒިދާން ބުނީ ރެއާލުން ކޮންމެ މުބާރާތަކަށްވެސް ނުކުންނަނީ ތަށި ހޯދުމަށް ކަމަށާއި، މި ސީޒަން ރެއާލަށް މިހާރު ނިމިފައިވާއިރު، އަންނަ ސީޒަނުގައި ރެއާލުން ނުކުންނާނީ މި ސީޒަނަށްވުރެ ވަރުގަދަކޮށް ކަމަށެވެ. އަދި ބުނީ ރެއާލުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާ މެދު ފަޚުރުވެރިވާ ކަމަށާއި، މި ސީޒަނަކީ ރެއާލަށް ކާމިޔާބު ސީޒަނެއް ކަމަށެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ރެއާލް ކެޓި ނަމަވެސް، އެޓީމުން ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މި ސީޒަނާއި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ރެއާލް ކެޓި ނަމަވެސް، އޭގެ ކުރީ ތިން ސީޒަނުގައި ރެއާލުން ވަނީ ޒިދާންގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. 2016-2018 ގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލިއެވެ. ޒިދާން ދެވަނަ ފަހަރަށް ރެއާލާ ހަވާލުވީ މިދިޔަ އަހަރު މާޗު މަހުގައެވެ. ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.
ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، ކޯޗެއްގެ ގޮތުގައި ޒިދާން ވަނީ މިހާތަނަށް ރެއާލާއެކު ޖުމްލަ 11 ތަށި ކާމިޔާބުކޮށްފައެވެ.