ޔުވެންޓަސްގެ ކޯޗުގެ މަގާމަށް ދާދި ފަހުން އެޓީމުގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމު ހަވާލުކުރި އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ.
ޔުވެންޓަސްގެ ކޯޗުގެ މަގާމަށް ޕިރްލޯ ހަމަޖެއްސިކަން ހޮނިހިރު ދުވަހުގެރޭ ޔުވެންޓަސްއިން ހާމަކުރިއިރު، ހޮނިހިރު ދުވަހު އެޓީމުގެ ކޯޗުގެ މަގާމުން މައުރީޒިއޯ ސާރީ ވަނީ ވަކިކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 41 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ އެ ކުލަބުގެ ރައީސްގެ އެދުމުގެ މަތިންނެވެ. އަދި ޕިރްލޯ ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވީ ދެ އަހަރު އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވި ސާރީ ހޮނިހިރު ދުވަހު މަގާމުން ވަކިކުރީ، މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓުމާ ގުޅިގެންނެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ކެޓި ޔުވެންޓަސްއަށް މި ފަހަރުގެ ދެވަނަ ބުރުން މުބާރާތް ނިމުނުއިރު، މި ނަތީޖާއާއެކު ޔުވެންޓަސްއިން 1996 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިގެން ގޮސްފައެވެ.
މީގެ ކުރިން ޔުވެންޓަސްއަށް ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު އެ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސިއިރު، މިިދޔަ ހަފުތާގައި ޕިރްލޯ ވަނީ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމުގެ މަގާމާ ހަވާލުވެފައެވެ. ޔުވެންޓަސްގެ ސީނިއާ ޓީމާ ޕިރްލޯ ހަވާލުވިއިރު، މިއީ 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޕިރްލޯ ބޮޑު ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ފަހަރު ހޯދާފައިވާ ޔުވެންޓަސްއާ ޕިރްލޯ ހަވާލުވިއިރު، ދާދި ފަހުން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކްލަބުތަކުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅުންތަކެއް ލިބުނު ކަމަށް ބުނެފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު ކަމަށްވާ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ.
އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ އެކު 2000 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޕިރްލޯ ވަނީ އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔަބުކުރިއިރު މޮޅު ކުޅުމެއް ދައްކާއެވެ.
އިންޓަ މިލާނާއި، އޭސީ މިލާންގެ އިތުރުން ޔުވެންޓަސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕިރްލޯ ވަނީ ކްލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީއަށެވެ.