ކޮވިޑް-19 އަށް ރަޝިއާ އިން ތައްޔާރު ކުރި ވެކްސިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އާއްމުންނަށް ދޭން ފަށާނެ ކަމަށް ރަޝިއާ ސަރުކާރުން ބުނެފިއެވެ. މިކަން މިހެން ވެއްޖެ ނަމަ ރަޝިއާ ވާނީ، ދުނިޔޭގައި ފުރަތަމަ ފަހަރަށް ކޮވިޑް ބައްޔަށް ވެކްސިނެއް އުފައްދާ ވެކްސިން ދޭން ފެށި ގައުމަށެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ގެމެލެއި ސެންޓަރުން އުފެއްދި ވެކްސިން އޮގަސްޓް 12 ވަނަ ދުވަހު ރަޖިސްޓަރީ ކުރާނެ ކަން ހާމަ ކުރެއްވީ ރަޝިއާގެ ޑެޕިއުޓީ ހެލްތް މިނިސްޓަރ އޮލެގް ގްރިދްނޭވް އެވެ. އޭނާ ވިދާޅުވީ ވެކްސިން ދިނުމުގައި އިސްކަން ދޭނީ އުމުރުން ދުވަސްވީ މީހުންނަށާއި ސިއްހީ ޚިދުމަތްތެރިންނަށް ކަމަށެވެ.
ކޮވިޑް ވެކްސިން ރޭހުގައި ރަޝިއާއިން ކުރިހޯދާފައިވާ ކަން އެގައުމުގެ މީޑިއާ އިން ހާމަ ކުރަމުންދާއިރު، ހުސްވި ހަފްތާގައި އެ ގައުމުގެ ސިއްހަތާ ބެހޭ ސީނިއަރ މިނިސްޓަރ މީޚާއީލް މުރާޝްކޯ ވިދާޅުވެފައިވަނީ މުޅި ރަޝިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް އޮކްޓޯބަރު މަހު ފައްޓަވާނެ ކަމަށެވެ. އެކަމުގެ ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރެފައިވާ ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ވެކްސިނާ ބެހޭ ކަރުދާސްތައް ދިރާސާ ކުރަމުން ގެންދާ ކަމުގައެވެ. އަދި ވެކްސިން އާ މެދު ގޮތެއް ނިންމާނީ ލިޔުންތައް ދިރާސާ ކުރުމަށްފަހު އޭގެ ނަތީޖާގެ މައްޗަށް ކަމަށެވެ.
ރަޝިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ، އެ ގައުމުން ތައްޔާރު ކުރި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދިޔައީ މޮސްކޯގެ ސެޝެނޯވް ޔުނިވަރސިޓީގައި ކަމަށާއި، އަޖުމަ ބެލުމުގެ ގޮތުން 38 ވޮލަންޓިއަރުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. އަދި ވެކްސިން ދިން އެންމެންގެ ހަށިގަނޑުގައިވެސް ވައިރަހުގެ ދިފާއު އުފެދިފައިވާކަން ސާބިތު ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
ކޮވިޑް ބައްޔަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ރަޝިއާއިން ގެންދިޔަ ސްޕީޑާ މެދު ހުޅަނގުގެ ބައެއް ގައުމުތަކުން ފާޑުކިޔާފައިވާ ކަން ފާހަގަ ކުރެވެއެވެ. ފާޑުކިޔުންތަކާ ގުޅިގެން ރަޝިއާ އިން ބުނެފައިވަނީ ފާއިތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ރަޝިއާއިން ވަނީ ވައިރަސް އާ ބެހޭ މުހިންމު ހޯދުންތަކެއް ހޯދާފައިވާ ކަމުގައެވެ. އަދި އެބޯލާ އާއި މާސް ބައްޔަށް ފަރުވާ އެއް ހޯދުމަށް ރަޝިއާ އިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއިން ކޮވިޑް-19ށް ވެކްސިން ހޯދުމުގައި ރަޝިއާ އަށް ފަސޭހަތަކެއް ލިބިގެން ދިޔަ ކަމުގައެވެ.
ރަޝިއާ އިން ވެކްސިނެއް ހޯދުމުގެ މަސައްކަތް އަވަސް ސްޕީޑްގައި ކުރިއަށް ދާއިރު، 870000ށް ވުރެ ގިނަ މީހުންނަށް އެ ގައުމުގައި ކޮވިޑް-19 ޖެހިފައިވެއެވެ. އަދި އެ ގައުމު ހިމެނެނީ މިބަލި ހަތަރު ވަނަ އަށް އެންމެ ބޮޑަށް ފެތުރުނު ގައުމުގެ ގޮތުގައެވެ. ރަޝިއާ އިން 14700ށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ. މި ބަލީގައި 11 ވަނަ އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީވެސް ރަޝިއާއެވެ.
ރަޝިއާގެ ވެކްސިން އަށް ފަންޑު ކުރި އެ ގައުމުގެ ސޮވަރިން ވެލްތް ފަންޑުގެ ވެރިޔާ ކިރިލް ޑިމިޓްރިއޭވް ހުސްވި ހަފްތާގައި ވިދާޅުވީ، ރަޝިއާ އިން ވެކްސިން ހޯދުމުގެ ރޭހުގައި ކުރި ހޯދުމުން އެމެރިކާ އިން ހައިރާންވެފައިވާ ކަމުގައެވެ. ވެކްސިން ރޭސް އޭނާ ސިފަ ކުރެއްވީ އެމެރިކާ އާއި ރަޝިއާ ދެމެދު ހިނގާ ޖައްވީ ރޭހުގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ރޭހުގައި ކުރި ހޯދީ ރަޝިއާ އިން ކަމުގައެވެ.
ރަޝިއާ އިން ކޮވިޑް-19 ވެކްސިން އާއްމުކޮށް ބޭނުން ކުރުމަށް ނެރެން ތައްޔާރުވަމުން ދާއިރު، ކޮވިޑަށް ވެކްސިނެއް އީޖާދު ކުރުމަށް އެހެން ގައުމުތަކުންވެސް އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމެރިކާ އާއި އިނގިރޭސި ވިލާތް މިއީ ރޭހުގެ ވަރަށް ކުރީގައި އުޅޭ ދެ ގައުމެވެ. ހުސްވި މަހު ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ބުނެފައިވަނީ އެމީހުން އުފައްދާ ވެކްސިންގެ ރައްކާތެރިކަން ދިރާސާތަކުން އެނގިފައިވާ ކަމަށާއި، އެ ވެކްސިން އިން ބޭނުންވާ ދިފާއު ހަށިގަނޑުގައި އުފައްދާ ކަމުގައެވެ. ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން އުފައްދާ ވެކްސިންގެ 100 މިލިއަން ޑޯޒަށް އިނގިރޭސި ސަރުކާރުން މިހާރު ވަނީ އޯޑަރު ދީފައެވެ.