ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ 18 ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވީ ޓްރެއިނިންގ ކޭމްޕް ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ޓެސްޓުތަކުންނެވެ. ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގ މެޗުތަކަށް ތައްޔާރުވުމަށް 36 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއިރު، ތިން ބަޔަކަށް ބަހާލައިގެން އަންނަނީ ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓު ކުރަމުންނެވެ.
އެގޮތުން ފުރަތަމަ ބުރުގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ވަނީ 11 ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި ދެވަނަ ބުރުގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ހަތް ކުޅުންތެރިއަކާއި އެއް އޮފިޝަލަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާކަން ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވި ހުރިހާ ކުޅުންތެރިން މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށާއި، ތިންވަނަ ބުރުގެ ޓެސްޓުތައް ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ބަންގްލަދޭޝް ޕްރިމިއާ ލީގާއި މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް އިންޑިޕެންޑެންސް ކަޕް ކެންސަލް ކޮށްފައެވެ. ބަންގްލަދޭޝް ޕްރިމިއާ ލީގު ކެންސަލް ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ލީގު މެދުކަނޑާލީ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ. އެހެންކަމުން ގައުމީ ޓީމުގެ ކުޅުންތެރިން މެޗެއް ނުކުޅެ ތިބެން ޖެހުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ގައުމީ ޓީމުގެ ކުޅުންތެރިން އެކަހެރިކޮށް ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންދަން ނިންމީ މިދިޔަ މެއި މަހުގެ ފަހުކޮޅުއެވެ.
ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމު އެކަހެރިކުރާއިރު، ކޮވިޑް-19 ގެ އަސަރު ބަންގްލަދޭޝްއަށްވެސް ވަނީ ކޮށްފައެވެ. އެގޮތުން މިހާތަނަށް އެ ގައުމުން މި ވައިރަހަށް 252،500 ށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ވައިރަސް ޖެހިގެން ބަންގްލަދޭޝްއިން 3،300 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.