ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 12:16
ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް: އޭނާ މިހާރު އިރުޝާދު ދެމުން އަންނަނީ ގަތަރުގެ އަލް ސާދަށް
ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް: އޭނާ މިހާރު އިރުޝާދު ދެމުން އަންނަނީ ގަތަރުގެ އަލް ސާދަށް
އޭއެފްޕީ
ޒަވީއަށް އަދަބުދޭން ނިންމުން
އައިސޮލޭޝަން ގަވާއިދާ ޚިލާފުވުމުން ޒަވީ ޖޫރިމަނާކޮށްފި
ކޮވިޑް-19ން ރަނގަޅުވިކަން ޒަވީ ހާމަކޮށްފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު
މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ ޒަވީ 2،700 ޑޮލަރުން ޖޫރިމަނާކޮށްފައި

ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވަނިކޮށް، ހޯމް އައިސޮލޭޝަން ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ޖޫރިމަނާކޮށްފިއެވެ.

ކޮވިޑް-19ށް ޕޮޒިޓިވްވިކަން ޒަވީ ހާމަކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އޭގެ ހަ ދުވަސް ފަހުން ޒަވީ ވަނީ ކޮވިޑް-19ން ސަލާމަތްވެ، އަލް ސާދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެކަން ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒަވީ ޖޫރިމަނާކުރަން ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ނިންމީ އެ އިދާރާއިން ހަދާފައިވާ ގަވާއިދުތަކާ ޚިލާފުވެ، އެންގުމެއް ނެތި ފަރިތަކުރުންތަކަށް ނުކުތުމާ ގުޅިގެންނެވެ. އެގޮތުން މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ ޒަވީ 2،700 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މިދިޔަ ޖުލައި މަހު 24 ވަނަ ދުވަހު ގަތަރުގެ ލީގުގެ ކުޅުން ފަށާފައިވަނީ ގަވާއިދުގެ ދަށުން ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓް ކުރުމަށް ފަހުއެވެ. އަދި މެޗުތައް ކުރިއަށްދާއިރު ސިއްހީ ސަލާމަތަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ކުލަބުތަކާއި ކުޅުންތެރިންނަށް ވަނީ އަންގާފައެވެ.

ކޮވިޑް-19ން ރަނގަޅުވެ އަލް ސާދުގެ ފަރިތަކުރުންތަކުރުންތަކުގައި ޒަވީ ބައިވެރިވާން ފަށާފައިވާއިރު، ދާދި ފަހުން އޭނާ ވަނީ ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން އާކޮށްފައެވެ. އަލް ސާދުގެ އެއްބަސްވުން ޒަވީ އާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ވަނީ ޒަވީއަށް ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވެވޭނެކަން ހިމަނާފައެވެ.

ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން ޒަވީ އާކުރިއިރު، ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ސްޕެއިންގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު ޒަވީ ކޯޗެއްގެ ރޯލުގައި އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ޒަވީގެ އިރުޝާދުގެ ދަށުން އަލް ސާދުން ވަނީ ގަތަރު ކަޕާއި ގަތަރު ސުޕަ ކަޕްގެ ތަށި އުފުލާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް