ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 12:34
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް ދަނީ އިތުރުވަމުން
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް ދަނީ އިތުރުވަމުން
ރޮއިޓަރސް
ކޮވިޑް-19ގެ ކޭސްތައް އިތުރުވުން
އިންޑިއާގައި ފާއިތުވެދިޔަ 24 ގަޑިއިރު ރިކޯޑު އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކޮށްފި
ފާއިތުވެދިޔަ 24 ގަޑިއިރު 61،537 ކޭސް ރިޕޯޓުކޮށްފައިވޭ
933 މީހަކު ފާއިތުވެދިޔަ 24 ގަޑިއިރު ވަނީ މަރުވެފައި
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިންވަނައަށް އެންމެ ގިނައީ އިންޑިއާގައި

އިންޑިއާގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑު އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު 61،537 ކޭސް އިންޑިއާއިން ރިޕޯޓުކޮށްފައިވާއިރު، 933 މީހަކު ވަނީ މަރުވެފައެވެ. މިއީ ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު 598،778 (ފަސް ލައްކަ ނުވަދިހަ އަށްހާސް ހަތްސަތޭކަ ހަތްދިހަ އަށެއް) މީހެއް ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާގައި އެކްޓިވް ކޭސްގެ ގޮތުގައި 619،088 (ހަ ލައްކަ ނަވާރަހާސް އަށްޑިހަ އަށެއް) ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި 1،427،006 (އެއް މިލިޔަން ހަތަރު ލައްކަ ހަތާވީސްހާސް ހައެއް) މީހަކު ބަލިން ފަސޭހަވެފައިވެއެވެ. އަދި 42،518 (ސާޅިސް ދެހާސް ފައްސަތޭކަ އަށާރަ) މީހަކު މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިހާތަނަށް 2،088,612 (ދެ މިލިޔަން އަށްޑިހަ އަށްހާސް ހަސަތޭކަ ބާރަ) މީހުންނަށް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން ދާއިރު، ބަލީގެ އާދައިގެ އަލާމާތްތައް ހުންނަ މީހުންނަކީ 10 ދުވަސް ފަހުން ބައެއް ޝަރުތުތައް ފުރިހަމަވާނަމަ އެކްޓިވް ކޭސްއެއްގެ ގޮތުގައި ނުބަލައެވެ. ހާލަތު ގޯސްވާ މީހުންވެސް އެއް ޓެސްޓުން ނެގެޓިވް ވުމާއެކު ހޮސްޕިޓަލުން ދޫކޮށްލައެވެ.

ކޮވިޑް-19 އިންޑިއާއިން ފުރަތަމަ ފެނިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ބަލި ޖެހުނު މީހުންގެ އަދަދު އެއް މިލިޔަނަށް އެރީ ޖުލައި މަހުގެ 17 ގައެވެ. އޭގެ ފަހުން 12 ދުވަސް ތެރޭގައި 1.5 މިލިޔަން މީހުންނަށް ބަލިޖެހުނުކަން ރިކޯޑު ކުރެވުނެވެ. އަދި އޭގެ ނުވަ ދުވަސް ފަހުން ބަލި ޖެހުނު މީހުންގެ އަދަދު ދެ މިލިޔަނަށް އެރިއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިންވަނައަށް އެންމެ ގިނަ ގައުމަކަށް އިންޑިއާ ވެފައިވާއިރު، އިންޑިއާއަށް ވުރެ ބަލިޖެހިފައިވާ މީހުންގެ އަދަދު ގިނަ ދެ ގައުމަކީ ބްރެޒިލް އާއި އެމެރިކާއެވެ.

- ކޮމެންޓް