އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި 400 ހާޑްކޯރ ތާލިބާނުން ޖަލުން ދޫކޮށްލުމާއި ގޮތެއް ނިންމުމަށް ހާހެއްހާ އަފްޣާނިސްތާނުގެ އިސްފަރާތްތަކުން ބައްދަލުވެއްޖެއެވެ.
އަފްޣާނިސްތާނުގެ ދުވަސްވީ މީހުންނާއި، ވަކިވަކި މުޖުތަމަޢުތަކުގެ ލީޑަރުންނާއި ސިޔާސީ މީހުން ބައްދަލުވެވަނީ މި މީހުން ދޫކޮށްލުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ޖަލުތަކުގައި ތިބި ތާލިބާންގެ ހަނގުރާމަވެރިން ދޫކޮށްލުމަކީ 2001 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދައްކަމުންދާ ސުލްހައިގެ ވާހަކައިގެވެސް ހިމެނޭ މައިގަނޑު ކަމެކެވެ. ތާލިބާނުން ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކޮށްފައިވާ އެއް ޝަރުތަކީ ޖަލުތަކުގައި ތިބި ތާލިބާނުން ދޫކޮށްލުމެވެ.
އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި 3200 މީހުން ބައިވެރިވެއެވެ. ވަރުގަދަ ސެކިޔުރިޓީ އާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ތިން ދުވަސްވަންދެން މިމަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދާނެއެވެ. އެއަށްފަހު މިމީހުންނަށް ފެންނަގޮތެއް ސަރުކާރަށް ހުށަހަޅާނެއެވެ.
މިބައްދަލުވުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ޖަލުތަކުގައި ތިބި ތާލިބާންގެ 400 މީހުން ދޫކޮށްލުމުން ތާލިބާނުން މަޝްވަރާގެ ވާހަކަތައް އަލުން ފަށާނެކަމަށާއި އަދި ތިން ދުވަސްތެރޭގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވާނެ ކަމަށެވެ. އަޝްރަފް ޣަނީގެ މިވާހަކަފުޅާ ގުޅޭގޮތުން ތާލިބާނުން އަދި އެއްޗެކޭ ނުބުނެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި ތާލިބާނުންގެ މެދުގައި ދެކެވުނު ސުލްހައިގެ ވާހަކަތަކަށްފަހު އެއްބަސްވެފައިވަނީ އަފްޣާނިސްތާނުގެ ބިމުގައި ހަރަކާތްތެރިވާ އެމެރިކާގެ ހުރިހާ ސިފައިން އެގައުމަށް ފޭބުމަށެވެ. އަދި އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާނުންގެ 5000 އެއްހާ ގައިދީން ދޫކޮށްލުމަށް ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ޝަރުތުކޮށްފައެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން މިހާތަނަށް އައިއިރު 400 ތާލިބާނުން ފިޔަވައި އެހެން ހުރިހާ ތާލިބާނުން ވަނީ ޖަލުތަކުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްނުލާ ބައިތިއްބާފައިވަނީ ނުރައްކާތެރި ހަމަލާތަކެއް ދިނުމުގެ ފަހަތުގައި އެމީހުން ޝާމިލްވާތީކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބުނެއެވެ. މީގެތެރޭގައި 2017 ވަނަ އަހަރު ކާބުލްގައި ހުންނަ ޖަރުމަނު އެމްބަސީއަށް ދިން ބޮމުގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ކުރިޔަށްދާ ވާހަކަތަކަށް ބަލާއިރު ގަބޫލުކުރެވެނީ ބައްދަލުވުމުގައި ބައިވެރިވާ ގިނަ މީހުން ޖަލުތަކުން އެމީހުން މިނިވަން ކުރުމަށް ވޯޓުދޭނެކަމަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް އެކަން ޔަގީންވެގެންދާނީ ބައްދަލުވުމަށްފަހުއެވެ. މި ބައްދަލުވުން ނިންމާގޮތެއް ސަރުކާރަށް ހުށަހެޅިނަމަވެސް އެގޮތަށް އަދި އަފްޣާނިސްތާނުގެ ސަރުކާރަށް އަމަލުކުރާކަށް މަޖުބޫރެއް ނުވާނެއެވެ.
އަފްޣާނިސްތާނުގައި ހިނގަމުންދާ 19 ވަނަ އަހަރުގެ ހަނގުރާމަ ނިމުމަކަށް އަންނާނެކަމަށް އަފްޣާނިސްތާނުގެ ރައްޔިތުން ގަބޫލުކުރިނަމަވެސް ހަނގުރާމަވެރި ޖަމާޢަތްތަކުން އެއްބަސްވިގޮތާއި އެއްގޮތަށް އަމަލުކުރާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.