ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 13:16
ޓީސީގެ ނާއިޒް ހަސަން (ދާދު) ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ
ޓީސީގެ ނާއިޒް ހަސަން (ދާދު) ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ
މުހައްމަދު ޝަރުހާން
މާލޭ ލީގު
ވިކްޓްރީ އާއި ޓީސީ މެޗަށް ހަމަހަމަ ނިމުމެއް
ޓީސީ ލީގުގެ ދެވައިގައި އޮތީ 7 ޕޮއިންޓާއެކު
ވިކްޓްރީ އަށް ލިބިފައި ވަނީ ހަތަރު މެޗުން ދެ ޕޮއިންޓް

ވިކްޓްރީ ސްޕޯޓްސް ކްލަބު ލީޑުގައި އޮއްވާ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް މާލޭ ލީގުގެ ދެވަނަ މަގާމަށް ޓީސީ ސްޕޯޓްސް ކްލަބު ކުރިއަށް ޖެހިލައިފި އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވިކްޓްރީން ދެ ފަހަރެއްގެ މަތިން ލީޑު ނެގި ނަމަވެސް ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ލީގުގައި މިހާތަނަށް މާއެދެވޭ ނަތީޖާތަކެއް ވިކްޓްރީ އަށް ހޯދިފައިނުވާ އިރު، މި މެޗުގައި އެޓީމުން ވަނީ ޓީސީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ކުޅެފަ އެވެ. އެގޮތުން އެ ޓީމުގެ ކެރިޗް އާއި ސެޑިކް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ފުރަތަމަ ހާފްގައި ލަނޑުޖަހާނެ އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ ޓީސީ އަށެވެ. އެގޮތުން ވިކްޓަރީގެ ސާބިގްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ޓީސީގެ ޑިފެންޑަރު އީސާ އަލްމަގްރަބީ ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ވިކްޓަރީން މިމެޗްގައި ލީޑު ނެގީ 34 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެރިޗް އެވެ.

ނަމަވެސް ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓްގައި ޓީސީގެ ހަސަން ނާއިޒް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އެ ޓީމަށް ލިބުނު ކޯނަރަކުން ބޮލުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު މިނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހާފު ފެށިގެން 55 ވަނަ މިނިޓްގައި ވިކްޓަރީއަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އިސްމާއިލް އީސަ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

ވިކްޓަރީން މި މެޗްގައި ޖެހި ދެވަނަ ލަނޑު 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެރިޗް އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ސެޑިކް ނެގި ހުރަސް އޭރިޔާ ތެރޭގައި ހުރެ މެއިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗްގެ 84 ވަނަ މިނިޓްގައި ޓީސީއަށް ލިބުނު ޕެނަލްޓީ އަކުން ކޯނެލިއަސް ސްޓެވާޓް ވަނީ މެޗްގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޓީސީއަށް މެޗްގެ ދެވަނަ ޕެނަލްޓީ ލިބިފައިވަނީ އޭރިޔާ ތެރެއިން މަހުދީ އަށް ރިލްވާން ފައުލް ކުރުމާއި ގުޅިގެންނެވެ.

މެޗްގެ އިތުރު ވަގުތުގައި ވިކްޓަރީގެ ކެރިޗް ވަނީ މެޗުން މޮޅުވުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިޔާ ތެރޭގައި ހުހަށް ހުރެ ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖަހާ ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް އީސަ އެ ބޯޅަ ފޮނުވާލުމުން ވެސް ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޓީސީ ލީގުގެ ދެވަނައިގައި އޮތީ 7 ޕޮއިންޓާ އެކު އެވެ. އަދި ވިކްޓްރީ އަށް ލިބިފައި ވަނީ 2 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް