ޔަމަނަށް ނިސްބަތްވާ ޔާސިރު ޔަހުޔާ ރާއްޖޭގެ ޖަލުގައި ހުއްޓައި ނިޔާވި ޙަބަރަކީ މި ހަފުތާގައި މީޑިއާގެ ސުރުޚީތަކުން އެންމެ ބޮޑަށް ޖާގަ ހޯދި ޙަބަރެވެ. އެ ޚަބަރު ރާއްޖޭގެ އަސްދަނޑިން ބޭރުވެ ބައިނަލްއަޤުވާމީ މީޑިއާއާ ހަމަޔަށް ފޯރާފައިވާއިރު، ޔާސިރަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އެކި ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ.
ކޮންމެއަކަސް ރާއްޖޭގެ ޖަލުގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށް ފަހު ކެއުމާ ދުރުހެލިވެގެން ހުރުމުގެ ސަބަބުން ހަށިގަނޑަށް އައި ބަދަލުތަކާއެކު ދިވެއްސަކާ ކައިވެނިކޮށްގެން ހުރި ބިދޭސީއަކު ރާއްޖޭގެ ޖަލުގައި ނިޔާވެއްޖެއެވެ. އަދި އެއާއެކު އެއްކޮޅުން ދައުލަތުގެ އިދާރާތަކުން ގުޅިގެން ޔާސިރާ ގުޅޭ މައުލޫމާތު އާންމުކުރަމުންދާއިރު، އަނެއްކޮޅުން ޔާސިރުގެ އާއިލާ އާއި އެކުވެރިންނާއި ވަކީލުންވެސް އަންނަނީ ސަރުކާރުގެ ވާހަކަތަކަށް ރައްދު ދެމުންނެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މި މައްސަލައިގައި މައުލޫމާތު ހާމަކޮށްފައިވާ މިންވަރަށް ރައީސް ޔާމީނުގެ ސަރުކާރުން މައުލޫމާތު ހާމަނުކުރިޔަސް، ދެ ސަރުކާރުން ވެސް ބުނަމުން ގޮސްފައިވަނީ ޖުމްލަ ގޮތެއްގައި އެއް ވާހަކައެކެވެ. އެއީ ޔާސިރަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި، އޭނާ ދިވެހިރާއްޖޭގައި އުޅުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި، ރާއްޖެ ދޫކޮށް ދިއުން ނޫންގޮތެއް ނެތް ކަމަށެވެ.
އެކަމަކު މިކަމުގައި ސާފުވާންޖެހޭ ކަންކަން ބައިވަރެވެ. ފުރަތަމަ ކަމަކަށް ރައީސް ޔާމީނުގެ ސަރުކާރުން، ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ މީހަކު 2014 ވަނަ އަހަރު ރާއްޖެ އެތެރެވެ, ދިވެއްސަކާ ކައިވެނިކޮށް، ވިޔަފާރިކޮށް, ދިވެހި ދަރިވަރުންނަށް ކިޔަވައިދީ، 2017 ވަނަ އަހަރުގެ މާޗު މަހު އޭނާ ހައްޔަރުކުރުމާ ހަމަޔަށް މިނިވަންކަމާއެކު ތިން އަހަރު ވަންދެން އުޅެން ދޫކޮށްލީ ކީއްވެތޯއެވެ؟
ދެވަނަ ކަމަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ އެތައް ހާސް ބިދޭސީން ކޮންމެ އަހަރަކުވެސް އިތުރު ސުވާލެއް ނެތި އެމީހުންގެ ގައުމަށް ފޮނުވާލަމުން ދާއިރު، އަދި ރާއްޖެ އެތެރެވާން އަންނަ އެތަށް ބަޔަކަށް ރާއްޖެ އެތެރެވާން ފުރުސަތު ނުދީ އަނބުރާ ފޮނުވާލާއިރު، ޔާސިރުގެ މައްސަލަ އެހާ ބޮޑުވީ ކީއްވެގެން ހެއްޔެވެ؟
ދުނިޔޭގެ މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމަކަށް ވެސް އެތެރެވެވޭނެ ބޭރު މީހުންނާއި އެ ޤައުމުގައި އުޅެން ހުއްދަ ދެވޭނެ ބޭރު މީހުން ކަނޑައަޅަނީ އެ ޤައުމަކުންނެވެ. އާންމު ގޮތެއްގައި ގައުމުތަކުގައި އެކަން ބަލަހައްޓަނީ ރާއްޖޭގައިވެސް މި އޮންނަ އުސޫލުން އިމިގްރޭޝަން ޑިޕާޓްމަންޓުންނެވެ. އަދި ވިސާ ކެންސަލްކޮށް ގައުމުން ފޭބުމަށް އެންގުމާއި، ވިސާ ނެތި އުޅޭ މީހުން ހިފާ ހައްޔަރުކޮށް ގައުމުން ބޭލުވުމަކީވެސް ދުނިޔޭގެ ޤައުމުތަކުގައި އާންމުކޮށް ހިނގާ ކަމެކެވެ.
މިއީ އަވައްޓެރި ގައުމުތަކާއި ދުރު ގައުމުތަކުން ވެސް ދިވެހިން ތަޖުރިބާ ކޮށްފައިވާނެ ކަންކަމެވެ. މި މައްސަލާގައި ޤާނޫނީ ގޮތުން އުފައްދާނެ އިތުރު ސުވާލެއް ނެތްކަން ސާފު ވަނީ ޔާސިރު ގޭބަންދަށް ބަދަލުކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ އަމުރެއް ނެރޭނެ ޖާގައެއް ނެތްކަމަށް ނިންމާ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކޯޓުން ކޮށްފައިވާ ހުކުމުންނެވެ.
ކުރީ ސަރުކާރުގައި އަމިއްލަޔަށް ފުރައިގެން ދާނެ ގޮތެއް ހޯދައިގެން ރާއްޖެ ދޫކޮށް ދިއުމަށް އެންގުމަށް ފަހު ބަންދުގައި ބަހައްޓާފައި ހުރި ނަމަވެސް، މިހާރުގެ ސަރުކާރުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަތީފެންވަރުގެ މަޝްވަރާކުރެވި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އޭނާ ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއާއެކު އޭނާ ބަންދުކޮށްފައިވަނީ ކީއްވެކަން ރައްޔިތުންނަށް ސާފުކޯށްދިނުމަށްޓަކައި މިދިޔަ އަހަރު އޮކްޓޯބަރު މަހު ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ.
ކޮންމެއަކަސް އަމިއްލަ އިޚްތިޔާރުގައި ކެއިން ބުއިމާ ދުރުވެގެން ހުއްޓާ ހާލުދެރަވެގެން ދިމާވި ސިއްހީ މައްސަލަތަކުގައި ޔާސިރު ނިޔާވެފައިވާއިރު, ސަރުކާރުން މިވަނީ ކުރިއަށްވުރެވެސް ބޮޑަށް ޔާސިރު ޔަހުޔާއަކީ ޓެރަރިސްޓް ޖަމާޢަތެއްގައި ހަރަކާތްތެރިވާ މީހެއް ކަމަށް ބުނަން ފަށާފައެވެ.
އިމިގްރޭޝަނާއި ކަރެކްޝަންސް އަދި ފުލުހުން ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުގައި އޭނާ އަކީ އަލްޤައިދާ ޖަމާޢަތާ ގުޅުން އޮންނަ އެ ޖަމަޢަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާޢަތުން ހިންގާ މަތީފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާޢަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރެރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުޤީޤުކޮށްފައިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވެއެވެ. ޔާސިރު ޔަޙުޔާއަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރެރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި އެކިފަހަރުމަތިން ބަންދުކުރެވިފައިވާ މީހެކެވެ. އަދި އެކި ޤައުމަތުކުގެ ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެކެވެ.
ނަމަވެސް އާއިލާ އާއި ލޯޔަރުންވެސް އެކަމަށް އިންކާރުކުރޭއެވެ. އެ ފަރާތްތަކުންވެސް އުފައްދާ ސުވާލަކީ ޔާސިރަކީ ނުރައްކާތެރި ޓެރަރިސްޓެއް ނަމަ ރައީސް ޔާމީނުގެ ސަރުކާރުގައި އޭނާ މިނިވަންކަމާއެކު ތިން އަހަރު ވަންދެން ދޫކޮށްލާފައި ބެހެއްޓީ ކީއްވެތޯއެވެ؟
ޔާސިރުގެ އާއިލާގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޔާސިރު ޔަހުޔާ އަކީ "މުޖުތަމަޢަށް ނުރައްކާތެރި ފަރާތެއް" ކަމަށް ދައުލަތުގެ އިދާރާތަކުން ނިންމާ ދިވެހިރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށް އަންގާފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައި ކަމަށް ދައުލަތުގެ ތިން އިދާރާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނުގައި އޮތްއިރު، "މުޖުތަމަޢަށް ނުރައްކާތެރި ފަރާތެއް" ކަމަށް ބެލެވޭ މީހަކު މެރިޖް ވިސާ ކެންސަލް ނުކޮށް އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ތިން އަހަރާއި 16 ދުވަސް ވަންދެން މިނިވަންކޮށްފައި ބެހެއްޓުމަކީ، ދައުލަތުގެ ތިން އިދާރާއިން ނެރުނު ނޫސްބަޔާނުގައި ކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށެވެ.
2017 ވަނަ އަހަރުން ފެށިގެން އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ޔާސިރު ޔަހުޔާ އަކީ ޓެރަރިޒަމްގެ ހަރަކާތްތަކާ ގުޅުން އޮތް ނުރައްކާތެރި މީހެއް ކަމަށް ބުނަމުންދާއިރު، ސަރުކާރާއި އޭނާ ގެ އާއިލާއާ ދެމެދު މިމައްސަލައިގައި ކުރެވޭ "ޒުވާބު" ހޫނުވެފައިވަނިކޮށް، މިކަމުގައި އަނެއްކާވެސް މިވަނީ އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިފައެވެ.
އެއްކަމަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށް ތަހުޤީޤުކޮށް ހުކުމް ތަންފީޒުކޮށްފައިވާ ބައެއް ދިވެހިން ޔާސިރުގެ ޖަނާޒާގައި ހަރަކާތްތެރިވިތަން ފެނިގެން ދިއުމެވެ. މިއީ ރާއްޖޭގައި ތިބި މިފަދަ މީހުންނާ ޔާސިރު ގުޅުން ބަދަހިކޮށްފައިވާ ކަމަށް ސަރުކާރުން ބުނާބުނުމަށް ބާރުލިބޭ ކަމެކެވެ.
އަނެއްކޮޅުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ސަރުކާރުން ޓެރެރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަޅާ އިއުލާންކޮށްފައިވާ "ޖަބްހަތުލް ނުސްރާ" ގެ މީޑިއާ ގޮފި ކަމަށްވާ "ބިލާދުލް ޝާމް މީޑިއާ" އިން ވަނީ ޔާސިރު ޔަޙުޔާ ރާއްޖޭގައި ޝަރީޢަތަކާ ނުލާ މަރާލިކަމަށް ބުނެ އިނގިރޭސި ބަހުން ތިން ސަފުހާގެ ބަޔާނެއް ނެރެފައެވެ. ޖަބްހަތުލް ނުސްރާއަކީ ސީރިއާގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮތްޕަށް ދީފައިވާ ނަމެކެވެ. އަދި އަލްގައިދާ އާއި ޖަބްހަތުލް ނުސްރާ އަކީވެސް ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތް ކަމަށް ކަނޑައަޅާ މަނާކޮށްފައިވާ ދެ ޖަމާއަތެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ޖަލުގައި ގުދުރަތީ ގޮތުންނާއި އިހުމާލުގެ ސަބަބުންނާއި އަދި އަނިޔާގެ ސަބަބުންވެސް ގައިދީން މަރުވެފައިވާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަދެކެވި، ކަންބޮޑުވުން ފާޅުކޮށްފައި ވީނަމަވެސް، ރާއްޖޭގެ ޖަލުގައި ހިނގާދިޔަ ހާދިސާއަކާ މެދު މީގެ ކުރިން މިފަދަ ޓެރަރިސްޓް ޖަމާޢަތަކުން ވާހަކަދައްކާ ސަރުކާރަށް ފާޑުކިޔާފައެއް ނުވެއެވެ. މި ބަޔާނާއެކު ޔަމަނުގެ ޔާސިރު ޔަހުޔާ ސާލިހުގެ މައްޗަށް ސަރުކާރުން ކުރަމުން އަންނަ ތުހުމަތުތައް އިތުރަށް ސާފުވެގެން ގޮސްފައިވީ ނަމަވެސް، އޭނާގެ ދިވެހި އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަތައް ދެމިގެން ދާނެކަން ޔަގީނެވެ.