ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 12:53
ބޯންމަތަށް ކުޅުނު ޑިފެންޑަރު ނޭތަން އަކޭ
ބޯންމަތަށް ކުޅުނު ޑިފެންޑަރު ނޭތަން އަކޭ
ގެޓީ އިމޭޖަސް
ނޭތަން އަކޭ ސިޓީއަށް ބަދަލުވުން
ބޯންމަތުގެ ނޭތަން އަކޭ ސިޓީއަށް
އަކޭ ސިޓީއަށް ބަދަލުވެފައިވަނީ 41 މިލިއަން ޕައުންޑްގެ އަގަކަށް
އަކޭ ވަނީ ސިޓީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

ބޯންމަތުގެ ޑިފެންޑަރު ނޭތަން އަކޭގެ ސޮއި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

ސިޓީން އަކޭ ގަތީ މިފަހަރު އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބޯންމަތަށް 41 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއް ދެއްކުމަށްފަހުއެވެ. އަކޭ ވަނީ ސިޓީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ސިޓީއަށް ބަދަލުވުމަށްފަހު ޗެލްސީ ޔޫތު ޓީމަށް ކުރިން ކުޅެފައިވާ އަކޭ ބުނީ ސިޓީ އަކީ ފާއިތުވި 10 އަހަރަށް ބަލާއިރު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި، އެ ފަދަ ޓީމަކަށް ބަދަލުވެވުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމަށް މިހާތަނަށް 13 މެޗު ކުޅެދީފައިވާ އުމުރުން 25 އަހަރުގެ އަކޭ އޭނާގެ ސީނިއާ ކެރިއަރު ފަށާފައިވަނީ ޗެލްސީންނެވެ. ޗެލްސީގައި ހޭދަކުރި ހަތަރު ސީޒަނުގައި މާގިނަ މެޗުތަކެއް އެޓީމަށް ކުޅެދީފައިނުވާއިރު، އޭނާ ވަނީ ލޯނު އުސޫލުން ރެޑިން އާއި ވަޓްފޯޑަށްވެސް ކުޅެފައެވެ.

އަކޭ އެންމެ ފުރަތަމަ ބޯންމަތަށްވެސް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2017 ވަނަ އަހަރު ބޯންމަތުން ވަނީ އޭނާގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ. އަކޭ ވަނީ ބޯންމަތުގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް 121 މެޗު ކުޅެދީފައެވެ.

ބޯންމަތާއެކު ބޮޑު ކާމިޔާބެއް އަކޭއަށް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ ޗެލްސީ އާއެކު ޔުއެފާ ޔޫރޮޕާ ލީގުގެ އިތުރުން އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ސިޓީން އަކޭގެ ސޮއި ހޯދިއިރު، ދާދި ފަހުން ވަނީ ވެލެންސިއާގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސްގެ ސޮއިވެސް ހޯދާފައެވެ. އަދި އިތުރު ތިން ކުޅުންތެރިއަކު ގެންނަން ސިޓީން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ސީޒަނަށް ސިޓީން އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން ވަނީ ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ ބަޔާން މިއުނިކަށް ވިއްކާލާފައެވެ. އަދި އެޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޖޯން ސްޓޯންސް އާއި ނިކޮލަސް އޮޓަމެންޑީ ވިއްކާލާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އެއްބަސްވުން ހަމަވުމާއެކު، މި ސީޒަނަށްފަހު ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާ އެ ޓީމު ދޫކޮށްލާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް