ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘުފުޅުތަކުން ސާބިތުވާ ފަދައިން އެންމެ ހެއު ޤަރުނަކީ ކީރިތި ރަސޫލާއާއެކު ޞަޙާބީން އުޅުއްވި ސައްތައެވެ. ދެން އެންމެ ހެއު ޤަރުނަކީ އަޞްޙާބު ބޭކަލުންނަށް ފުރިހަމަ ގޮތުގައި ތަބާވެވަޑައިގަތް ތާބިޢީ ބޭކަލުން އުޅުއްވި ސައްތައެވެ. ދެން އެއަށްފަހު އެންމެ ހެއު ޤަރުނަކީ ތާބިޢީ ބޭކަލުންނަށް ތަބާވެވަޑައިގަތް ތަބްޢުއް ތާބިޢީން އުޅުއްވި ސައްތައެވެ.([1]) މައިގަނޑު ގޮތެއްގައި އައްސަލަފުއް ޞާލިޙުންނަކީ މިތިން ސައްތާގައި އުޅުއްވި ދީނުގެ ޢިލްމުވެރިންނެވެ. އެކިއެކި ފަންނުތަކުގެ އިމާމުންނެވެ.
[1]މިޙަދީޘު ރިވާކުރެއްވީ ދެޝައިޚުންނާއި ތިރްމިޛީއާއި އިބްނި މާޖާއެވެ.
ދީނުގެ ޢިލްމުތަކުގެ ތެރެއިން އީޖާދު ވެފައިވާ އެކިއެކި ފަންނުތަކަށް ބަލާއިރު އެއިން ކޮންމެ ފަންނެއްގައި ވެސް އަރައި ތިއްބެވި ޢިލްމުވެރިންތަކެއް ތިއްބެވިއެވެ. މިބޭކަލުންގެ މެދުގައި އުޞޫލުތައް އުފެދި ޢިލްމުވެރިން ބޭނުން ކުރައްވަމުން ގެންދެވި އިޞްޠިލާޙުތަކެއްވެސް ހުއްޓެވެ. އެއިން އިޞްޠިލާޙެއް ބަދަލު ކުރުމުގެ ޙައްޤެއް އަޅުގަނޑުމެންނަކަށް އަދި އެއްވެސް ޢިލްމުވެރިއަކަށް ވެސް ނޯންނާނެއެވެ. މިސާލަކަށް ފިޤުހީ ގޮތުން ބަލާއިރު ހަތަރު މަޛްހަބެވެ. ހަތަރު އިމާމުންނެވެ. ފިޤުހީ މަޛުހަބުގައި ބޭނުންކުރެވޭ "ދެޝައިޚުން" ނެވެ. ޤުރުއާނުގެ ޢިލްމުތަކަށް ބަލާއިރު ހަތް ޤިރާއަތެވެ. ނުވަތަ ދިޔަ ޤިރާއަތެވެ. ހަތް ޤާރީވެރި ބޭކަލުންނެވެ. ނުވަތަ ދިހަ ޤާރީވެރި ބޭކަލުންނެވެ.
މިމޭރުމުން ޙަދީޘު ޢިލްމަށް ބަލާއިރު ޙަދީޘު ޢިލްމުގެ ވަނަވަރު ބަޔާންކުރެއްވި ބޭކަލުންނާއި އުޞޫލު ހެއްދެވި ބޭކަލުންގެ އިތުރުން ޙަދީޘު ޢިލްމުގެ މައިދާނުގައި ޙަދީޘު ރިވާކުރެއްވި ބޭކަލުން އިންތިހާއަށް ގިނައެވެ. މިބޭކަލުންނަކީ ޙަދީޘުގެ ރާވީންނެވެ. ނުވަތަ މުޙައްދިޘުންނެވެ. މިބޭކަލުންގެ ލިސްޓު ދިގުކަމުން ޢިލްމުވެރިން ވަނީ ޙަދީޘެއް ބަޔާންކުރަށްވާއިރު ދިގު ލިސްޓު ބަޔާން ކުރެއްވުމުގެ ބަދަލުގައި ކުރު ނަމަކުން ލިއުއްވުމަށް އިޞްޠިލާޙުތަކެއް ބަޔާން ކުރައްވާފައެވެ. އެއިން އިޞްޠިލާޙަކަށް މިއަދު ބަދަލު ގެނެވިގެނެއް ނުވާނެއެެވެ. އެފަދަ ބަދަލެއް ބަޔަކު މިއަދު ގެނެސްފިނަމަ އެވާނީ ޢިލްމީ ޚިޔާނާތަކަށެވެ. މިސާލަކަށް މިވެނި ޙަދީޘެއް ރިވާކުރެއްވީ ޝައިޚުންނޭ ބުނެފިނަމަ އެއީ އިމާމު ބުޚާރީއާއި އިމާމު މުސްލިމެވެ.
މިހާރަކަށް އައިސް މިދެންނެވުނު އިޞްތިލާޙުތައް ބަދަލު ކޮށްލައިގެން ބޭނުން ކުރެވޭތަން އެބަފެނެެއެވެ. އެހެންކަމުން އެފަދަ ބައެއް ނަންނަން ކިއުންތެރިންގެ މަޢުލޫމާތަކަށްޓަކައި ބަޔާން ކޮށްލާނަމެވެ.
(ހ) ދެ ޝައިޚުން، މިބަހުގެ މުރާދަކީ:
1 - އިމާމު ބުޚާރީ
2 - އިމާމު މުސްލިމު
(ށ) މުއްތަފަޤުން ޢަލައިހި:
އޭގެ މާނައަކީ އެޙަދީޘަކީ އިމާމު ބުޚާރީއާއި މުސްލިމުގެ ރިވާކުރަށްވައި، އޭގައި ޙަދީޘުގެ ސަނަދުގައި އޮތް ޞަޙާބީ އެއްބޭކަލަކަށް ވެފައި ޙަދީޘުގެ މަތަނުގެ ލަފުތައް އެއްގޮތް ވެގެންވުމެވެ. ޙަދީޘެއް ބުޚާރީއާއި މުސްލިމު ރިވާކުރެއްވިއަކަސް މިދެންނެވި ގޮތަށް ޞަޙާބީއާއި ޙަދީޘުގެ މަތަނު އެއްގޮތް ނުވާހައި ހިނދަކު މާނައިގެ ގޮތުން އެއްގޮތްވިއަސް އެޙަދީޘަކީ މުއްތަފަޤުން ޢަލައިހި ޙަދީޘެކޭ ޢިލްމުވެރިން ވިދާޅެއް ނުވެއެވެ. އެހެނަސް އެފަދަ ޙަދީޘެއް ރިވާކުރެއްވީ ޝައިޚައިނިއޭ، ބުނެވިދާނެއެވެ.
(ނ) أَصَحُّ الْكُتبِ بَعْدَ كِتَابِ اللهِ (ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަ ފޮތް)
އެއީ އިމާމު ބުޚާރީ އެކުލަވާލެއްވި ޞަޙީޙު ބުޚާރީއެވެ. މީގެ ތެރެއަކު އެކަލޭގެފާނު ލިއުއްވި އެހެން ޙަދީޘު ފޮތްތަކެއް ނުހިމެނޭނެއެވެ. ދެން ތިންވަނަ ދަޖަރަ ލިބިގެންވަނީ ޞަޙީޙު މުސްލިމަށެވެ. މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މިދުވަސްވަރު ލިޔެވިފައިވާ ޢަޤީދާގެ ބައެއްފޮތްތަކަށް ޤުރުއާނަށް ފަހު އެންމެ ޞައްޙަފޮތޭ ކިޔަމުންއެބަދެއެވެ. މިއީ ކަނޑައެޅިގެން ދީންއޮޅުވާލުމަށް ކުރެވޭ މަސައްކަތެކެވެ. އަޑީގައި ދީނުގެ ޢަދުއްވުން ތަކެއް ތިބެގެން ކުރުވާ މަސައްކަތަކަށް ނޫނީ ނުވެނުދާނެއެވެ.
(ރ) ޞައްޙަ 6 ފޮތް:
ކީރިތި ރަސޫލާގެ ޙަދީޘުތައް ރިވާކޮށް، ލިޔެވި ޖަމާކުރެވިފައިވާ ފޮތްތައް ވަރަށްވެސް ގިނައެވެ. ބޮޑެތި ބޮޑެތި އިމާމުވެރި ބޭކަލުން ލިއުއްވާފައިވާ ފޮތްތަކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާހުރެ ޢިލްމުވެރިން ވަނީ އެހުރިހާ ފޮތްތަކުގެ ތެރެއިން ޞައްޙަ ހަފޮތެއް ކަނޑައަޅުއްވައި ހޮއްވަވާފައެވެ. އެހެން ބޭކަލުންގެ ފޮތްތައް ދެރަވެ، ބަލިކަށި ވާތީއަކީވެސް ނޫނެވެ. މިބުނެވުނު 6 ފޮތަކީ:
1. ބުޚާރީ
2. މުސްލިމު
3. އަބޫދާއޫދު
4. ނަސާއީ
5. ތިރްމިޛީ
6. އިބްނި މާޖާ
މި 6 ފޮތެ އެވެ.
(ބ) ފަސް ފޮތް:
އެއީ ހަ ފޮތުގެ ތެރެއިން ފަހަތުން އެއް ފޮތް އުނިކޮށްފައި ދެން ބާކީހުރި ފޮތްތަކެވެ.
1. ބުޚާރީ
2. މުސްލިމު
3. އަބޫދާއޫދު
4. ނަސާއީ
5. ތިރްމިޛީ
(ޅ) ހަތަރު ފޮތް:
ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިވެނި ޙަދީޘެއް ރިވާވެގެންވަނީ ހަތަރު ފޮތުގައޭ، ބުނެފިނަމަ އޭގެ މުރާދަކީ އަންނަނިވި ހަތަރު ފޮތެވެ. އެބަހީ މަތިން ދެ ފޮތް އުނިކޮށްލައިގެންނެވެ. އެއީ
1- އަބޫ ދާއޫދު
2- ނަސާއީ
3- ތިރްމިޛީ
4- އިބްނި މާޖާ
(ކ) ނުވަ ފޮތާއި ހަތް ފޮތް:
މިއީ މިހާރަކަށް އައިސް ބައެއް މީސްމީހުންގެ ލިއުންްތަކަށް އިތުރު ވެގެން އުޅޭ ދެނަމެކެވެ. އެބައިމީހުން ބުނާގޮތުގައި ނުވަ ފޮތުގެ މުރާދަކީ ޞައްޙަ ހަފޮތުގެ އިތުރަށް ދާރިމީއާއި މާލިކުގެފާނުންގެ މުއައްޠާއާއި އަޙްމަދުގެ މުސްނަދާއި މިތިންފޮތް އިތުރު ކޮށްލައިގެންކިޔައިއުޅޭ ނުވައެކެވެ. މިބުނެވުނު ނުވަ ފޮތުގެ އިތުރަށް ބައެއް ލިއުންތަކުން ހަތް ފޮތް ވެސް ފެންނަމުން އެބަދެއެވެ. އެއީ ހަފޮތުގެ ތެރެއަށް ހަތްވަނަ ފޮތަކަށް އިމާމުއަޙްމަދުގެ މުސްނަދު އިތުރު ކޮށްލައިގެންނެވެ. ޢިލްމުވެރިން ވިދާޅުވަނީ މިއީ މުސްތަޝްރިޤުން (Orientalists) އިސްލާމީ ލިއުންތަކަށް އިތުރު ކޮށްލައިގެން އުޅޭ ދެނަން ކަމަށެވެ. އެހެންކަމުން އިތުބާރުހިފޭ އިލްމުވެރިން ވަނީ މިނަމުން އެއްކިބާވެ ވަޑައިގެންފައެވެ.
ބަޔާންވެދިޔަ އިޞްޠިލާޙުތަކަކީ ސަލަފުން ފެށިގެން ޙަދީޘު ޢިލްމުވެރިން ޙަދީޘު ބަޔާން ކުރެއްވުމުގައި ބޭނުން ކުރަށްވަމުން، ތަވާތުރު މަގުން ހިނގަމުން އައިސްފައިވާ ނަންނަމެވެ. އެހެން ކަމުން އަޅުގަނޑުމެންނަށް ޖެހޭނީ މި ޢިލްމީ މައިދާނުގައި ސަލަފުން ގެންގުޅުއްވި އުޞޫލުގައްޔާއި ތަވާތުރުމަގުން މުސްލިމުން ބަލައިގެންފައިވާ އޭގެމަތީ ހިނގަމުން އައި މަގުގައި ހިފަހައްޓާށެވެ. އަޅުގަނޑުމެންނަކަށް އެއަށް އައު އެއްޗެއް އިތުރު ކުރުމުގެ ޙައްޤެއް ނުވެއެވެ. މިގޮތަށް އިތުރު ކޮށްފިނަމަ އެއަށް ބުނެވޭނީ އެއީ އިލްމީ ޚިޔާނާތެއް ކަމަށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ހެއުމަގަށް ތައުފީޤު ދެއްވާށިއެވެ. އާމީން!