ލުބުނާންގެ ވެރިރަށް ބެއިރޫތްގައި ގޮވި ބާރުގަދަ ގޮވުމުގައި މިހާތަނަށް އައިއިރު 100 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
4000 މީހުން މިހާތަނަށް އައިއިރު ޒަޚަމްވެފައިވާއިރު ވެއްޓިފައިވާ ތަންތަނުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ބާރުގަދަ ގޮވުން ގޮވާފައިވަނީ ބައިރޫތުގެ ބަނދަރުމަތީ ސަރަހައްދުހައި ހުރި ގުދަން ތަކެއްގައި އެތައް އަހަރެއް ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
މިއިން ދުވަހަކުވެސް ދުނިޔެ ދެކިފައިނުވާފަދަ ބާރުގަދަ މި ގޮވުމުގެ ސަބަބުން އިގްތިޞާދީ ގޮތުން ހީނަރުވެފައިވާ އަދި ކޮވިޑް-19 އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ލުބުނާނަށް މިވަނީ އަނެއްކާވެސް ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
މިގޮވުން ގޮވަން މެދުވެރިވި ސީދާ ސަބަބު އަދި ނޭންގުނު ނަމަވެސް އެގައުމުގެ ރައީސް މައިކަލް މައިކަލް އައުން ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސްކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ވެއަރ ހައުސް އެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. މިކަމާއި ގުޅިގެން ބުދަ ދުވަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
މިހާތަނަށް އައިއިރު ވެއަރ ހައުސްގައި ބާރު ގަދަ ގޮވުމެއް ގޮވަން ޖެހުނު ސީދާ ސަބަބެއް އޮފިޝަލެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ސެކިޔުރިޓީ އާއި މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ގޮވުން ގޮވަން މެދުވެރިވި ސަބަބަކީ ވެއަރ ހައުސްގައި ކުރިޔަށް ގެންދިޔަ ވެލްޑިންގ މަސައްކަތެއްގެ ތެރެއިންނެވެ.
ބެއިރޫތްގެ މޭޔަރ ޖަމާލް އިތާނީ ރޮއިޓަރސް އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެސަރަހައްދު ހަނގުރާމަ މަތީ ސަރަހައްދަކަށް ބަދަލުވެފައިވާ ކަމަށާއި މިހާދިސާ އާއި ގުޅިގެން އެއްޗެއް ވިދާޅުވާން ނޭންގޭކަމަށެވެ.
ލުބުނާންގެ ރެޑް ކްރޮސް ހެޑް ޖޯރޖް ކެޓާނީ ވިދާޅުވީ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އުންމީދުކުރަނީ މިހާރު ހުރިހާ އެންމެން ފެނިފައިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރެޑް ކްރޮސް އިން އަންނަނީ އެގައުމުގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޓެންޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މިވަގުތު ބޭރޫތްގެ ހޮސްޕިޓަލްތައް ޒަޚަމްވެފައިވާ މީހުންނައިގެން ފުރިފައިވާތީއެވެ.
ރިޕޯޓްތައް ބުނާގޮތުން ގޮވުމުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެއެވެ.
ބެއިރޫތްގައި ގޮވި މިބާރުގަދަ ގޮވުމާއެކު އަނެއްކާވެސް އެގައުމުގައި 1975 ވަނަ އަހަރުން ފެށިގެން 1990 އަހަރާ ދެމެދު ކުރިޔަށް ދިޔަ ދާޚިލީ ހަނގުރާމައިގެ ހަންދާންތައް އާވިކަމަށް ބައެއް މީހުން ބުނެއެވެ. ގޮވުން ގޮވިލެއް ބާރުކަމުން ބައެއް މީހުން ހީކުރީ ބިން ހެލުމެއް އައީ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވެފައިވާ ގިނަ ބަޔަކު އަދިވެސް މަގުތައް މަތީގައި އަންނަނީ އެމީހުންގެ އާއިލާ މީހުން ހޯދަމުންނެވެ.