ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 11:57
ސްރީލަންކާގައި ވޯޓުލުން ކުރިޔަށްދަނީ
ސްރީލަންކާގައި ވޯޓުލުން ކުރިޔަށްދަނީ
އަލްޖަޒީރާ
ސްރީލަންކާގެ އާންމު އިންތިޚާބު
ސްރީލަންކާގެ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފި
ސްރީލަންކާގެ 16 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގުވަނީ ލިބިފައި
ވޯޓުލުމުގެ ކަންކަން ކުރިޔަށްދަނީ ސިއްހީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާއެކު
މިއިންތިޚާބުން އެގައުމުގެ ސިޔާސީ މަޝްރަހު ބައްޓަންވެގެންދާނެ ގޮތް އެނގިގެންދާނެ

ސްރީލަންކާގެ އާންމު އިންތިޚާބުގައި ވޯޓުލާން ފަށައިފިއެވެ.

ޕާލަމަންޓަށް އައު މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލުން ފަށާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދެ ފަހަރެއްގެ މަތިން އިންތިޚާބު ފަސްކުރުމަށްފަހުއެވެ. އެހެންކަމުން މިފަހަރު ވޯޓުލުމުގެ ކަންކަން ކުރިޔަށްދަނީ ސިއްހީ ގޮތުން ވަރުގަދަ ފިޔަވަޅުތަކަކާއެކުއެވެ.

އެގޮތުން ވޯޓުލާ މަރުކަޒުތަކުގައާއި ވޯޓުގެ ކިޔޫގައި ގައިދުރުކަން ބަހައްޓަން ލާޒިމު ކުރުމާއި މާސްކު އަޅަންޖެހުމާއި ހުންބެލުން ފަދަ ކަންކަން ކުރާނެއެވެ. އަދި ވޯޓުލާން އަންނަ މީހުން ގެއިން އަންނައިރު ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ފަންސުރާއި ގަލަން ގެނައުމަށް ވަނީ އެދިފައެވެ.

ސްރީލަންކާ ކޮވިޑް-19 ފެތުރެން ފެށި ފަހުން ދެކުނު އޭޝިޔާގައި އިންތިޚާބެއް ބާއްވާ ފުރަތަމަ ގައުމު ވެސްމެއެވެ. ކޮވިޑު އާލަމީވަބާއާ ކުރިމަތިލާން ޖެހުނު ފަހުން ދުނިޔޭގައި އިންތިހާބެއް ބޭއްވި އެންމެ ފުރަތަމަ ގައުމަކީ ދެކެނު ކޮރެއާއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ލުމަށް ހުޅުވާލުމުގެ ކުރިން މީހުން ވޯޓުލުމަށް ސަފުހަދާފައިވާއިރު 21 މިލިއަންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ 16 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގުވަނީ ލިބިފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު ވޯޓުގެ ވަގުތީ ވަގުތީ ނަތީޖާތައް އެނގެން ފަށާނެކަމަށާއި ވޯޓުގައި ކާމިޔާބު ލިބޭ ހުރިހާ ފަރާތްތައް ހުކުރު ދުވަހު އެނގޭވަރުވާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގައި ކުރިޔަށްމިދާ އިންތިޚާބުގެ ނަތީޖާ އަކީ ކުރިޔަށް އޮތްތަނުގައި އެގައުމުގެ ސިޔާސީ މަޝްރަހު ބައްޓަންވެގެންދާނެ ގޮތް އެނގިގެންދާނެ އިންތިޚާބެކެވެ.

އިންތިޚާބުގައި ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ބޭބެ އަދި ކުރިން ދެފަހަރެއްގެ މަތިން އެގައުމުގެ ރައީސް ކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕާޓީ ޕޮޑުޖަނާ ޕެރުމުނާ (އެސްއެލްޕީޕީ) އިންނެވެ. މާހިރުން ލަފާކުރާ ގޮތުގައި ފަސޭހަކަމާއެކު މެޖޯރިޓީ ގޮނޑި ކާމިޔާބު ކޮށްގެން މަހިންދަ ރާޖަޕަކްސަ އަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވޭނެއެވެ.

ރައީސް ގޮތަބާޔާ އަށް ޕާލަމަންޓްގެ ތިން ބައިކުޅަ ދެބައި ވޯޓު އެމަނިކުފާނު ބޭނުންފުޅުވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވެއެވެ. ގޮތަބާޔާ ބޭނުންފުޅުވަނީ ޤާނޫނުތަކަށް ބަދަލު ގެންނަވާ އެގައުމުގެ އިގްތިޞާދީ އަދި ނޭޝަނަލް ސެކިޔުރިޓީ އެޖެންޑާއަށް ބަދަލުތަކެއް ގެނައުމަށެވެ.

ގޮތަބާޔާ އާއި އެމަނިކުފާނުގެ ބޭބެ މަހިންދަގެ ސިޔާސީ ހަޔާތް ބިނާކުރައްވާފައިވަނީ އެގައުމުގެ މެޖޯރިޓީން ކަމަށްވާ ސިންހަޅަ، ބުދިސްޓުންގެ މެދުގައި ޗެމްޕިއަނުންގެ ގޮތުގައެވެ. އެގައުމުގައި 26 އަހަރު ވަންދެން ތަމަޅައިންނާ ދެމެދު ކުރިޔަށްދިޔަ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް އައިއިރު ރައީސަކަށް ހުންނެވީ މަހިންދަ ރާޖަޕަކްސަ އެވެ. އެހެންކަމުން މިއިންތިޚާބު ސަރުކާރު ހިންގާ ޕާޓީއަށް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

މި އިންތިޚާބުގައި އިދިކޮޅުން ވާދަކުރަނީ އެސްޖީބީއެވެ. މަހިންދަ ރާޖަޕަކްސަ އަށް ބޮޑުވަޒީރުކަމަށް ނާދެވިއްޖެނަމަ ދެން ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އެންމެ ގާތީ އިދިކޮޅު ސިޔާސީ ލީޑަރު ސާޖިތް ޕްރަމަދާސާއަށް ވުން އެކަށީގެންވެއެވެ. އިދިކޮޅުން ބުނަމުންދަނީ ރައީސް އާއި ބޮޑުވަޒީރުކަމަށް އެއް ސިޔާސީ ޕާޓީއަކަށް ލިބިއްޖެނަމަ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ރައްދު ދެމުން ގޮތަބާޔާ ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ގެންނަން ބޭނުންފުޅުވާ އިގްތިޞާދީ ބަދަލުތައް ގެނެވޭނީ ޕާލަމަންޓްގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

- ކޮމެންޓް