މެޗުން މޮޅުވުމަށްވުރެ ބޮޑަށް ކުޅުންތެރިން ދެއްކި ކުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފި އެވެ.
މާލޭ ލީގުގައި ބުދަ ދުވަހު ކްލަބު ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗު 0-3 އިން އީގަލްސް އިން ކާމިޔާބުކުރިއިރު، އެޓީމު މިވަނީ މިމޮޅާއެކު ލީގުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސާންތި ބުނީ މި މެޗުގައި އަހުމަދު ނާޝިދު (ނައްޓޭ) އާއި އަހުމަދު ރިޒްވާން (ރިޒޭ) ގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް ކަމަށާއި އަދި އެޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުންވެސް މި މެޗުގައި ތަފާތުތަކެއް ފެނިގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް ސާންތި ވަނީ އެޓީމުގެ ބިދޭސީ ފޯވަޑްގެ ކުޅުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.
ސާންތި ބުނީ ކުރިއަށް އޮތް މެޗަކީ ވެސް އެޓީމަށް ވަރުގަދަ މެޗެއް ކަމަށެވެ. އެގޮތުން ގްރީން ސްޓްރީޓާއި ދެކޮޅަށް ނުކުންނަ މެޗުގައި މި މެޗުން ނަގައިގަނެވުނު ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސާންތި ބުންޏެވެ.
މި މެޗުގައި އީގަލްސްގެ ބިދޭސީ ޑިފެންޑަރު ކުޅެފައި ނުވާއިރު، އޭނާގެ ބަދަލުގައި ދިވެހި ކުޅުންތެރިއެއް ވަނީ އެ މަގާމު ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ. އެގޮތުން ސާންތި ވަނީ އޭނާގެ ކުޅުމަށް ތައުރީފްކޮށް އޭނާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން ތަކުރާރު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.