އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ފަށަން ކަނޑައަޅާފައިވާ ތާރީޚު މާ އަވަސް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގު މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ނިންމާލިއިރު، އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ފެށުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ވަނީ މި އޮގްސްޓް މަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. މި މެޗުގައި ބައްދަލުކުރާނީ ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި އެފްއޭ ކަޕްގެ ޗެމްޕިއަން އާސެނަލެވެ.
ލްމަޕާޑް ބުނީ އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ފަށަން ކަނޑައަޅާފައިވާ ތާރީޚު މާ އަވަސް ކަމަށާއި، މިހާރު އޮތްގޮތުން ކުޅުންތެރިންނަށް އެކަށީގެންވާ ވަރުގެ ބްރޭކެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ޕްރިމިއާ ލީގުގައި ކުޅުންތެރިންގެ ފަރާތުން އޭނާ އުއްމީދުކުރާ ވަރުގެ ކުޅުމެއް ނުފެންނާނެ ކަމަށްވެސް ބުންޏެވެ.
އެއާއެކު ލަމްޕާޑް ވަނީ ލީގު ފަށަން ކަނޑައަޅާފައިވާ ތާރީޚާ މެދު އަލުން ވިސްނާލުމަށް އެދެފައެވެ. އަދި ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ހުރިހާ ޓީމަކަށް އިންސާފުވެރި ގޮތަކަށް ރޭވުމަށްވެސް އެދެފައެވެ.
މި ސީޒަންގެ ޕްރިމިއާ ލީގު ނިމިފައިވާއިރު، ޗެލްސީން އަންނަ ހޮނިހިރު ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުންބޭރުގައި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ޕްރިމިއާ ލީގު ދިގުލައިގެން ދިޔައިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގު އަވަހަށް ފަށަން ނިންމީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށަން އެކަށީގެންވާ ވަގުތެއް އޮއްވައި ސީޒަން ނިންމާލުމުގެ ގޮތުންނެވެ.