ރާއްޖޭގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުންތައް އިޢާދަކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ގަރާރެއް ހުށައަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން ޖާބިރު ހުށައެޅުއްވި ގަރާރުގައި ވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ހުރިހާ ސިނާޢަތްތަކުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުންތައް އިއާދަކުކުރުމަށް ގޮވާލައްވާފައެވެ.
ގަރާރުގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގެ ދަށުން ހިންގަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ސްވެނިއަރ ޝޮޕްތަކުގެ އިތުރުން ދިވެހި އިޤްތިޞާދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓުމަށް މަޖުބޫރު ކުރެވިގެންދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލޮޅުންތަކެއް އައިސްފައިވާ ކަން ފާހަގަކޮށްފައެވެ.
ޖާބިރު ވިދާޅުވީ މި ވިޔަފާރިތަކަކީ ދިވެހި އާއިލާތަކާއި ގުޅިފައިވާ އަދި ޒަމާނުއްސުރެ މި ވިޔަފާރިތައް ކުރަމުންދާ ފަރާތްތައް ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަށް ވިޔަފާރިތަކުގެ ހާލަތު ގޯސްވެފައިވާކަމަށެވެ.
ޖާބިރު ހުށައެޅުއްވި ގަރާރުގައި ވަނީ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ވައިރަހުގެ ސަބަބުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ސަރުކާރުން މި ދަނޑިވަޅުތަކަށް ވިޔަފާރިތައް ކުރިމަތިވެފައިވާ ގެއްލުންތައް ފުރިހަމައަށް އެސެސްކޮށް، އެ ވިޔަފާރިތަކަށް ލިބިފައި ހުރި ގެއްލުންތައް އަލުން އިއާދަކުރުމަށްޓަކައި ދައުލަތުގެ ހުރިހާ ވަޞީލަތްތައް ބޭނުންކޮށްގެން ނަމަވެސް، ދިވެހި ސަރުކާރުން އެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އިއާދަކުރުމަށް ލާޒިމުކުރުމަށް ގޮވާލައްވާފައެވެ.