ކ. މާފުށީގެ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ސިއްހީ މަރުކަޒެއްގައި ދަތުގެ ފަރުވާ ފަށާ ފުރަތަމަ ފަހަރަށްވާއިރު، މިހާރު ކުރިއަށް ދަނީ އެޚިދުމަތް އާންމުންނަށް ދިނުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީގެ މަސައްކަތް ކުރަމުންނެއެވެެ.
ބައެއް މީޑިއާތަކަށް އެރަށުގެ ކައުންސިލުން މައުލޫމާތުދީފައިވާ ގޮތުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އެގޮތުން ފަރުވާ ދިނުމަށް ބޭނުންވާ ސާމާނުތަކާއި، މެޝިންތައް އިންސްޓޯލްކޮށް ނިންމާފައިވާކަން ވެސް ކައުންސިލުން ފާހަގަކުރިއެވެ.
މީގެއިތުރުން ކައުންސިލުން ބުނީ ޚިދުމަތް ފެށުމަށް ޑެންޓިސްޓް ރަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް މާލެއިން ދަތުރުކުރި ޑޮކްޓަރެއް ކަމަށްވާތީ މިހާރު ހުރީ ކަރަންޓީންގައި ކަމަށް ކައުންސިލުން ބުނެއެވެ. އަދި އޮގަސްޓް 7 ވަނަ ދުވަހު ސެންޓަރުން އާންމުންނަށް ޚިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ކައުންސިލުން ބުނެއެވެ.
މާފުށީ ސިއްހީ މަރުކަޒުން ބުނީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާގެ ޚިދުމަތް އާންމު ރައްޔިތުންނަށް ދެވުމަކީ ރަށުގެ އިތުރުން މަރުކަޒަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ދަތުގެ ފަރުވާ ރަށުން ލިބުމުން މިހާރު އާންމު ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ލުއި ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މާފުށީ ސިއްހީ މަރުކަޒުން ބުނީ ހަމުގެ ޚާއްސަ ޑޮކްޓަރަކާއި، އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތް މިހާރު ވެސް ލިބޭ ކަމަށެވެ. އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ސިއްހީ މަރުކަޒުން ބުނެއެވެ.
އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށުގެ ސިއްހީ މަރުކަޒު ވަނީ އާންމު ރައްޔިތުންގެ އެއްބާރުލުމާއެކު ވަރަށް ބޮޑަށް ތަރައްގީ ކޮށްފައެވެ.