ހއ. މާރަންދޫގެ ފެނަކަ ކޯޕަރޭޝަނާއި މާރަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އެ ރަށުގައި ކުރިއަށްގެންދާ އީދު ކަޕްގެ ސެމީފައިނަލަށް އެފްސީ ދި މެޑްރިޑާއި ޓީމު ފެނަކަ ދަތުރުކޮށްފިއެވެ.
އީދާ ގުޅިގެން ކުރިއަށްގެންދާ ފޯރިގަދަ މި މުބާރާތް އީދު ދުވަހު ހަވީރު ފަށާފައިވާއިރު، ހަވީރާއި ރޭގަނޑުވެސް މެޗުތައް ކުރިއަށްގެންދެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ލޮކްޑައުނާއި އެފްސީ މެޑްރިޑް ޖޫނިއާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ލޮކްޑައުނުންނެވެ. 7-1 ގެ ނަތީޖާއަކުން އެޓީމު މި މެޗު ކާމިޔާބުކުރިއިރު، އެފްސީ ލޮކްޑައުންގެ ހަސަން ހުސައިން ވަނީ ހެޓްރިކް ހަދާފައެވެ.
ދެވަނަ މެޗުގައި އެފްސީ ދި މެޑްރިޑާއި ބަނޑޭރި ބައްދަލުކޮށް 4-0 ން މެޗު ކާމިޔާބުކުރީ އެފްސީ ދި މެޑްރިޑެވެ. ތިންވަނަ މެޗުގައި ޓީމު ފެނަކަ އާއި ބަނޑޭރި ބައްދަލުކުރި މެޗު 7-1 ން ކާމިޔާބުކުރީ ޓީމު ފެނަކައެވެ..
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުތަކާއެކު މުބާރާތުގެ ސެމީފައިނަލުގެ ޖާގަ، ގުރޫޕް ބީން އެފްސީ ދި މެޑްރިޑާއި ޓީމު ފެނަކަ ވަނީ ކަށަވަރުކޮށްފައެވެ. އެއާއެކު ބަނޑޭރި ވަނީ މުބާރާތުން ކަޓާފައެވެ. ސެމީފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ ހޮނިހިރު ދުވަހުގެރެ އާއި އަދީއްތަ ދުވަހު ކުޅޭ މެޗުތަކަށްފަހުއެވެ.
ދެ ގްރޫޕްކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ވާދަކުރަނީ އެފްސީ ލޮކްޑައުން އާއި އެފްސީ މެޑްރިޑް ޖޫނިއާ އާއި ބީއެސްއެސްސީއެވެ. ގްރޫޕް ބީގައި ވާދަކުރަނީ އެފްސީ ދި މެޑްރިޑް އާއި ބަނޑޭރި އާއި ޓީމު ފެނަކައެވެ.
ސެމީފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެރޭއެވެ.