ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރެވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 15:30ން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 20:30 ގެ ނިޔަލަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތް އާންމުކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ ކުރިން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:30ން 14:30ށް ވ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.