އާންމު ތަންތާނގައި މާސްކް ނާޅާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ސަރުކާރުން ނިންމުމާއެކު އެ ފިޔަވަޅު މިއަދުން ފެށިގެން ތަންފީޒުކުރާނެ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިިކް ހެލްތަށް ލިބެދޭ ބާރުގެ ދަށުން ހޮނިހިރު ދުވަހުން ފެށިގެން މާސްކް އެޅުން ވަކި ގޮތެއް އަންގަންދެން ވަނީ ލާޒިމްކޮށްފައެވެ. މާސްކް އަޅަން ޖެހޭނީ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާ ވާގޮތަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ މީހުން ކަސްރަތު ކުރާ ވަގުތުގައާއި އެހެން މީހުންގެ އެހީއާއި ނުލައި މާސްކް އަޅައި ނުނެގޭ މީހުން ގެއިން ބޭރުގައި އުޅޭ އިރު މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށެވެ.
މާސްކް އެޅުމަށް މަޖުބޫރުކޮށްފައިވާއިރު މިކަން މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވި ނޭޝަނަލް ޓާސްކް ފޯސް މީޓިންގ އަށް ފަހު ކަމަށް ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ވަނީ ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށާއި ތަންތަނަށް ދިޔުން މަދުކުރުމަށް އަދި ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. މާސްކު އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން ނިންމާފައިމިވަނީ އެކަމަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށެވެ.