ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 04:20
ފްރާންސްގައި ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ފްރާންސްގައި ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ދުވާލަކު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ލޮކްޑައުން ނިމުމަކަށް އައިއިރާ އެއް ހަމައަކަށް
އޭޕްރީލް މަހުގެ 1 ވަނަ ދުވަހު 4547 މީހުންނަށް ވައިރަސް ޖެހުނު
މިހާރު ދުވާލަކު ވައިރަސް ޖެހޭ މީހުންގެ އަދަދު އުޅެނީ 1300 ގައި
ފްރާންސްގައި މިވަގުތު 187,919 މީހުންނަށް ވައިރަސް ޖެހިފައިވޭ

ފްރާންސްގައި ހުކުރު ދުވަހު އަލަށް ކޮވިޑް-19 ޖެހިގެން 1346 މީހުން ރިޕޯޓްކޮށްފި އެވެ.

މިއާއެކު އެގައުމުގައި އަލަށް ވައިރަސް ޖެހިގެން 1300 މީހުން ރިކޯޑް ކުރަމުން އަންނަތާ ޖެހިޖެހިގެން މިވަނީ ތިން ދުވަސް ވެފައެވެ. އަދި މިއީ ލޮކްޑައުން ނިމުމަކަށް ގެނާއިރު އެގައުމުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަމުންދިޔަ މިންވަރެވެ.

ފްރާންސްގައި މިވަގުތު 187,919 (އެއްލައްކަ އަށްޑިހަ ހަތް ހާސް ނުވަސަތޭކަ ނަވާރަ) މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

ފްރާންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގައި އެޅި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވަނީ ސްކޫލް ބަންދު ދުވަސްވަރާވެސް އެއްކޮށެވެ. އެއާއެކު އެތައް މިލިއަން ބަޔަކު އެކި ދިމަދިމާލަށް ދާންފެށުމުން ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަ މިންވަރު ވަނީ މައްޗަށްދާން ފަށާފައެވެ. އެގޮތުން އޭޕްރީލް މަސްތެރޭގައި އެގައުމުގައި ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން ދިޔަ މިންވަރަށް ފާއިތުވި ހަފްތާތަކުގައި ވަނީ ކޭސްތައް ފެންނަން ފަށާފަ އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ދުވާލެއްގެ މައްޗަށް އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް މިހާރު ހާމަކުރަމުން ނުދާތީ ސީދާ އަދަދުތައް އަޅާކިޔުމުގައި ވަނީ ދަތިތަކެއް ދިމާވެފަ އެވެ. އެހެންނަމަވެސް ކޮންމެ ހަފްތާއަކުން އަޅާކިޔާނަމަ ހާހަކަށްވުރެ ގިނަ މީހުންނަށް ދުވާލަކު އެވްރެޖްކޮށް އެގައުމުގައި ވަނީ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެގޮތުން މަރޗް މަހުގެ 19ން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހާ ހަމައަށް ދުވާލަކު ހާހަކަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ވަނީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެއީ 4547 މީހުންނެވެ.

ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެގައުމުގެ ސަރުކާރުން ވަނީ ކަމާބެހޭ ފަރާތްތަކަށް ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށް އެންގުމުގެ ބާރު ދީފައެވެ. އެހެންނަމަވެސް މިހާރު ދުވާލަކު ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ ދަށަށްދާން ފަށާފަ އެވެ. އަދި މީގެކުރީގެ މަސްތަކާއި އަޅާބަލާއިރު ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ ދަށްވެފަ އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިހާރު އުޅެނީ 5298 ގައި ކަމަށެވެ. އެގައުމު ޕީކް ގައި އޮތްއިރު އެއަދަދު އުޅުނީ 32،292 ގައެވެ.

މީގެއިތުރުން ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައްވެސް ދަށަށްދާން ފަށާފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މިހާރު އައިސީޔޫތަކުގައި ފަރުވާދެމުން އަންނަނީ 371 މީހުންނަށެވެ. އެއަދަދު އޭޕްރީލް 8 ގައި ހުރީ 7148ގަ އެވެ.

ފްރާންސްގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ވައިރަސް ޖެހިގެން 11 މީހުން ވަނީ މަރުވެފައެވެ. އޭޕްރީލް މަހު އެގައުމުގައި ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. އެގޮތުން އެންމެ ގިނަ މީހުން އެއް ދުވަހާ މަރުވެގެން ރިޕޯޓްކުރި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު 1438 މީހުން ވަނީ މަރުވެފަ އެވެ.

ފްރާންސްގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 30,265 އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް