ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 02:17
ހއ އިހަވަންދޫ
ހއ އިހަވަންދޫ
ފޭސްބުކް
ކޮވިޑް-19 އިހަވަންދޫ މޮނިޓަރިންގ އަށް ލުން
ހއ އިހަވަންދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގ އަށް
ޕޮޒިޓިވްވެފައިވަނީ ވިޔަފާރި މުދާ އުފުލާ ބޯޓެއްގައި މަސައްކަތްކުރާ މީހެއް
ކޮންޓެކްޓް ޓްރޭސިންގ މިހާރު ދަނީ ހަދަމުން

ހއ އިހަވަންދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން އަންގާފައިވާތީ ހއ އިހަވަންދޫ ކައުންސިލުން ވަނީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މިކަމާއިގުޅޭ ތަފްސީލް "ރާއްޖެ އެމްވީ" އަށް ދެއްވަމުން އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެރަށުގައި އޮންނަ ވިޔަފާރީ މުދާ އުފުލާ ބޯޓެއްކަމުގައިވާ "242" ގެ ކޭޝިޔަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިވެއްސެއްކަމަށެވެ. އެބޯޓު މާލެއިން އިހަވަންދު އަށް ދިޔައީ މީގެ ތިން ދުވަސްކުރިން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވިގެން އޭނާ އަމިއްލަ އަށް އެދިގެން މީގެ ދެދުވަސްކުރިން ސާމްޕަލް ނަގާފައިވާ ކަމަށާއި ނަތީޖާ ލިބުނީ ހުކުރު ދުވަހުގެ ރޭ 11:50 ހާއިރު ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އެބޯޓުގައި 5 ބިދޭސީންގެ އިތުރުން 3 ދިވެހިން މަސައްކަތްކުރަމުން އަންނަކަމަށާއި އެބޯޓުން އިތުރު މީހަކު ދަތުރުނުކުރާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އިހަވަންދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށުން އަންނަނީ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވަމުންނެވެ. އެގޮތުން ހއ. ކެލާ ސަވާރީ ބޯޓުގައި މަސައްކަތް ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހދ. ނޮޅިވަރަންފަރާއި، ހއ. ވަށަފަރު އަދި ދިއްދޫގެ ކޮންޓެކްޓް ޓޭރޭސިން ހެދުމަށް އެ ރަށްތައް ވަނީ ލޮކްޑައުންކޮށްފައެވެ. މީގެއިތުރުން މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދޫ ހިމެނެއެވެ. އަދި ބ. ސީސައިޑް ފިނޮޅު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

- ކޮމެންޓް