އާސަންދައިގެ ދަށުން އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ކޮވިޑް-19 ގެ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ އިން ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މި ހިނގާ ޖުލައި މަހުގެ 20 ގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގެންދިޔަ 28 ބަލިމީހުންވެސް ކޮވިޑް-19 އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހުންގެ ފަރުވާ ފަށާފައިވާ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.
އާސަންދަ ކުންފުނީގެ ޚަރަދުގައި ބޭސްފަރުވާ ކުރުމަށް 60 މީހަކު އިންޑިއާގެ ޓްރިވެންޑްރަމްއަށް ފުރާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އެބެޗުގައި ހިމެނޭ މީހުންގެ ތެރޭގައި ހިމެނެނީ 28 ބަލިމީހުންނާއި އެހީތެރިންގެ ގޮތުގައި ދިޔަ މީހުންނެވެ.
އެހުރިހާ ފަރާތްތައްވެސް ކޮވިޑް-19 ގެ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އާސަންދައިން ނެރެފައިވާ ބަޔާނެއްގައި ކުރިން ބުނެފައިވަނީ މި ބެޗްގައި ހިމެނޭ ހުރިހާ ފަސިންޖަރުންވެސް އިންޑިއާއަށް ދަނީ އެ ޤައުމުގެ ވިސާ ހަމަޖައްސައި، އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިންއާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ކަމަށެވެ. އަދި އެ އެންމެންގެ ފަރުވާވެސް ހަމަޖެހިފައިވަނީ އިންޑިއާގެ "ކިމްސް ހޮސްޕިޓަލުގައި" ކަމަށާއި، ކަރަންޓީންގެ މުއްދަތުވެސް ފުރިހަމަ ކުރާނީ އެ ހޮސްޕިޓަލުގައި ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.