ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ގޭ ބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ޔާސިރު ޔަހްޔާގެ ފަރާތުން އެދުނީ އޭނާގެ މެރިޖް ވިސާ ކެންސަލްކޮށް، ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
ޔާސިރު މިގޮތަށް އެދިފައިވަނީ އޭނާ ބަންދުގައި ބަހައްޓާފައިވަ ގޮޅީގެ މާހައުލުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބި، ސިއްހަތަށް ގެއްލުންވަމުން ދާތީއާއި މައްސަލައަށް ގޮތެއް ނިންމަންދެން ބަންދުގައި ބަހައްޓަން ޖެހިއްޖެ ނަމަ ދައުވާ ކުރާ ފަރާތުގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ބަޔާންކޮށެވެ.
ޔާސިރު އަކީ މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދިޔަ މީހެކެވެ. ޔާސިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ދިމާކޮށެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައެވެ. ޔާސިރު މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.
ޔާސިރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވަނީ އޭނާ އަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ޖަލުތަކުގައި އުޅެފައިވާ މީހެއްކަމަށާއި ޓެރަރިޒަމާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަކަން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.