ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ތަަސްލީމާ އުސްމާން ރާއްޖެ.އެމްވީ އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ތިނެއް ޖަހާ އެހާކަށްހާއިރު ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި، އޭނާ ކޮވިޑަށް ޕޮޒިޓިވްކަން ހެދި ޓެސްޓު ތަކުން ދައްކާ ކަމަށެވެ.
ނިޔާވެގެން އައިޖީއެމްއެޗް އަށް ގެންދާ މީހުން އޮންނަ އުސޫލުގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓު ކުރެއެވެ. ތަސްލީމާ ވިދާޅުވީ، އޭނާގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި، އެހެންކަމުން މި މަރަކީ ކޮވިޑު ޖެހިގެން ނިޔާވި މީހެއްކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ޓެސްޓުތަކުން ދައްކައެވެ.
ނިޔާވީ މީހާއަކީ ބަންގްލަދޭޝްގެ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. މިހާތަނަށް ބަންގްލަދޭޝްގެ ހަ މީހަކު ވަނީ ކޮވިޑު ބަލީގައި ނިޔާވެފައެވެ. މީގެ އިތުރުން 10 ދިވެހިންނާއި ފިލިޕީންސްގެ އެކަކު ބަލީގައި ނިޔާވެފައިވެއެވެ.
ނިޔާވި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ފަށައި ކޮންޓެކްޓް ޓްރޭސިން ކުރިޔަށްދާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.