އިންސާނީ ވަގުފާރީގެ ޝިކާރައަށްވާ މީހުންނަށް ހިމާޔަތް ދޭނެ މަރުކަޒެއް ގްރޭޓަރ މާލެ އޭރިއާގައި ގައިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މަރުކަޒުގައި ކުޑަ ކުދިންނާއި އަންހެނުންނަށްވެސް ފަރުވާ ދެވޭނެ ކަމަށެވެ. މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންސާނީ ވަގުފާރީގެ މައްސަލަތައްކަށް ހައްލު ހޯދުމަށް ސަރުކާރުން އިސްކަމެއް ދީގެން މަސައްކަތް ކުރާކަމަށެވެ. ފުޅާ ދާއިރާއެއްގައި ހިންގާ މި ކުށަކީ ބައިނަލްއަގުވާމީ ގޮތުން އެންމެން އެކުގައި މަސައްކަތްކޮށްގެން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް އައު އޫސުލުތައް ހެދުމަށްޓަކައި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ހިއުމަން ޓްރެފިކިންގެ ޝިކާރައަށްވާ މީހުންނަށް ސޯޝަލް ސަޕޯޓު ދޭނެ ވިކްޓިމް އޮފް ޓްރެފިކިން (ވީއޯޓީ) މަރުކަޒެއް ގައިމު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ރާއްޖެއަކީވެސް އިންސާނުން ވަގުފާރީގެ މައްސަލަ ބޮޑުވެފައިވާ ގައުމަކަށްވާއިރު މުޅި ދުނިޔޭގައި 24 މިލިއަން ވުރެ ގިނަ މީހުން ވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފަ އެވެ.