ކޮވިޑް-19 ފެތުރޭ ބާރު މިނުގައި ފެތުރިގެން ގޮސްފިކަމުގައިވާނަމަ އައިސީޔޫއަށް ފަރުވާއަށް ލެވޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ރާއްޖެއިން މިހާތަނަށް އައިރު ގިނައިން ޕޮޒިޓިވްވީ ޒުވާނުން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ ނިސްބަތް މަދު ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ބަލިޖެހޭ މިންވަރަށް ބަލާއިރު، ޖުލައިން ފެށިގެން ދުވަސްވީ މީހުންނާއި، ދައިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު މަދުމަދުން އިތުރުވަމުންދާ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.
ބަލި ފެތުރޭ މިންވަރު އަވަސްކަން ފާހަގަކުރައްވައި ޑރ .ޝީނާ ވިދާޅުވީ އޭގެ ތެރެއިން އައީސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އެހެންވީމަ އޭގެ ތެރެއިން އައީސީޔޫއަށް ލާ މީހުން، މަރުވާ ނިސްބަތް ހަަމަ އެހެން ގައުމެކޭ އެއްފަދައިން ގާތްގަނޑަކަށް 50 ޕަސެންޓަށް ލަފާ ކުރެވެނީ މީހުން ނިޔާވާނެ ކަމަށް. އެކަމަކު އޭގެ ވެސް ފާހަގަކޮށްލަން ބޭނުންވަނީ ގިނަ ތަންތަނުގައި މަރުވެފައި ހުރީ ރަނގަޅު ފަރުވާ ދޭން މުޅި ހެލްތް ސިސްޓަމް އެވަރަށް ތައްޔާރުނުވެ ހުރީމަ . ނުވަތަ އެވަރަށް ޚިދުމަތްދޭނެ މީހުން ނެތިގެންނޭ. އެވަރަށް އަނެއް ގިނަވެއްޖެއްޔާ ހޮސްޕިޓަލް އެއްކޮށް ފުރިއްޖެއްޔާ ހަދާ ހުރި އެވަރަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި އެހެނިހެން ވެސް ފަރުވާ ދޭނެ މީހުން ނެތިއްޔާ އެފުރުސަތު އެބަ ބޮޑުވެގެންދޭ.ޑރ. ޝީނާ މޫސާ
ޑރ. ޝީނާ ވިދާޅުވީ އާންމުން މަގުމަތީގައި އުޅޭ މިންވަރު މަދުކޮށް، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށްފިކަމުގައިވާނަމަ ބަލި ފެތުރޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ. އަދި ކޮންޓެކްޓުން މަދުކުރެވޭ ވަރަކަށް ރާއްޖޭގެ ހެލްތް ނިޒާމުގެ ކެޕޭސިޓީ ހިފެހެއްޓޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.