ކޮވިޑް-19 ފެތުރޭ ބާރު މިނުގައި ފެތުރިގެން ގޮސްފިކަމުގައިވާނަމަ އެންމެ ގިނަ ކޭސްތައް ރިޕޯޓު ކުރާނެ ކަމަށް އަންދާޒާ ކުރެވެނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަލި ފެތުރިގެންދާނެ ކަމަށް ގޮތަށް ބަލާއިރު، ޖުލައި މަހާ އޮގަސްޓް މަހުގެ ތެރޭގައި ތަންކޮޅެއް ބަލި ފެތުރޭ ނިސްބަތް އަވަސް ކަމަށެވެ. ނަމަވެސް ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ބަލި ފެތުރޭ ނިސްބަތް ދަށަށްދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
ދެން މި ޕްރޮޖެކްޝަން ހެދިއިރުގަ މިދެންނެވިހެން އަންދާޒާ ކޮށްފައި އޮންނާނީ މިހާރު އެބަހުރި ނިއު ނޯމަލްގައި އަމަލު ކުރަން ޖެހޭނެ ގައިޑްލައިންތައް ނެރިފައި. އެހެންވީމަ އެކަންތައްތަކަށް ވެސް ކޮންމެވެސް ވަރަކަށް އެންމެ މަދުވެގެން 50 އިންސައްތަ މީހުން އެކަންކަމަށް ބަލާގެން އިުޅޭނެ ކަމަށް ބަލާގެން ޕްރޮޖެކްޝަން ހަދާފަ މީނީ. އަދި ހުރިހާ ބޭފުޅުން އެހެން ނޫޅުއްވިޔަސް. ތަންކޮޅެއް އުންމީދު ކުރިވަރަށްވުރެ ބާރަށް މިމަހުގެ ތެރޭގައި ކުރިއަށް އޮތް މަހުގެ ތެރޭގައި ފެތުރޭނެ ކަމަށް އަންދާޒާ މިކުރެވެނީ.ޑރ. ޝީނާ މޫސާ
ކޮވިޑް-19ގެ ކޭސްތައް ފެތުރޭނެ ކަމަށް ލަފާކޮށްފައިވާގޮތަށް ބަލާއިރު، ޖުލައި މަހު 997 ކޭސް ރިޕޯޓުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް 71 މީހެކެވެ. އޮގަސްޓް މަހުގެ ތެރޭގައި 2373 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް 170 މީހުންނެވެ. ސެޕްޓެންބަރު މަހު 1464 ކޭސް ރިޕޯޓުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 105 މީހުންނެވެ. އޮކްޓޫބަރު މަހު 945 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 68 މީހުންނެވެ. ނޮވެންބަރު މަހު 409 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 29 މީހުންނެވެ. އަދި ޑިސެންބަރު މަހު 254 ކޭސް ރިޕޯޓު ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ 18 މީހުންނެވެ.
ޑރ. ޝީނާ ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ހޮސްޕިޓަލްގައި މިހާރު ދެމީހަކު ނޫނީ ތިން މީހަކު އެޑްމިޓް ކުރެވިގެން ދިޔަ ނަމަވެސް ކުރިއަށް އޮތްތާގައި ގާތްގަނޑަކަށް ދެގުނަ ނުވަތަ ތިން ގުނަ އިތުރުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހެލްތް ނިޒާމަށް އަލިއަޅުއްވާލައްވާ ޑރ. ޝީނާ ވިދާޅުވީ އަންދާޒާ ކުރެވުނު ރޭޓުގައި ވެސް ހެލްތްގެ ނިޒާމު މެނޭޖް ކުރެވޭ ހަމަ ކިރިޔާ ކަމަށެވެ. އެހެންކަމުން މިކަމަށް އާންމު ސަމާލުވުމަށް ޑރ.ޝީނާ އިލްތިމާސް ކުރެއްވިއެވެ.