އަޟްޙާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.
އީދުގެ ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވަނީ މި ޢީދަކީ ވެސް ތިމާގެކަމުގެ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ ބަދަހިކަން ދިރުވައި އާލާވެގެންދާނެ ޢީދެއް ކަމުގައި ލެއްވެމަށް އެދި ދުއާ ކުރައްވާފައެވެ.
މިފަހަރުގެ އީދުގެ ނަމާދު މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް ކުރާނެ ކަމަށާއި އަންހެނުންނަށް އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމާއި މަސްޖިދުލް ބިއްރި (ވިލިމާލެ) އަދި މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ) ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަހަރުގެ އަޟްޙާ އީދު މުސްލިމުންނާ ބައްދަލުކުރަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާތީ އީދު ފާހަގަކުރުމުގެ ގޮތުން އެހެން އަހަރުތަކުގައި ބާއްވާ ހަރަކާތްތަކެއް މިއަހަރު ގިނަ ގައުމުތަކުގައި ނުބާއްވައެވެ.
ރާއްޖޭގައި ވެސް ވައިރަސް ފެތުރޭތީ ގިނަ މީހުން އެއްވެ އުޅެ ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން މާލެ ސަރަހައްދުގައި އީދުގެ ހަރަކާތްތަކެއް މިއަހަރު ނުބާއްވައެވެ.