ބްރެޒިލްގައި ބުދަ ދުވަހު ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފައެވެ.
ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ ބްރެޒިލް އެވެ. އެއީ 2.5 މިލިއަން މީހުންނެވެ. އެގައުމުގައި ވައިރަސް ޖެހިގެން ނުވަދިހަ ހާހަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު އެ ގައުމުގައި އަދިވެސް ވައިރަސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ ގައުމުގައި ބުދަ ދުވަހު އެކަނިވެސް 69،074 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ. އަދި އެދުވަހު 1595 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.
ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮންޔާރޯ ވަނީ ވައިރަސް ފެތުރުން ފެށުނީއްސުރެންވެސް އެ ގައުމު ލޮކްޑައުން ކުރުމާއި ދެކޮޅު ހައްދަވަމުންނެވެ. އަދި މޭޔަރުންނާއި ގަވަރުނަރުންނަށް ވެސް އެމަގުން އިރުޝާދު ދެއްވާ ބާރު އަޅުއްވަމުންނެވެ. އެއާއެކު ބްރެޒިލްގައި އާންމުން އެއްވެ އުޅޭތަންތަނުގައި މީހުން ވަނީ މާސްކު ނާޅާ ތޮއްޖެހިގެން އުޅެފައެވެ.
ފާއިތުވި ހަފްތާއަކީ މިހާތަނަށް އައިއިރު އެއް ހަފްތާތެރޭ އެންމެ ގިނަ އަދަދެއްގެ މީހުން އެ ގައުމުގައި ވައިރަސް ޖެހިގެން މަރުވި ހަފްތާ އެވެ. އެއީ 7677 މީހުންނެވެ.
ސައު ޕައުލޯ ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އިންފެކްޝިއަސް ޑިޒީސް ޑިޕާޓްމަންޓްގެ ހެޑް އަލެކްސެންޑަރ ނައިމް ވިދާޅުވީ ބްރެޒިލް އިން މިހާރު ތަޖުރިބާ ކުރަމުން އެދަނީ މި ޕެންޑަމިކްގެ އެންމެ ހާލަތު ގޯސް ދުވަސްވަރުގައި ކަމަށެވެ. އަދި އާންމު ތަންތަނުގައި އުޅެންޖެހޭ ގޮތާއި އަމިއްލައަށް ނަގަންޖެހޭ ފަރުދީ ޒިންމާގައި ބްރެޒިލްގެ ރައްޔިތުން ކަންކަން ކުރަމުންދަނީ ދިމާ އިދިކޮޅަށް ކަމަށް އަލެކްސެންޑަރ ވިދާޅުވި އެވެ.
ބޮލްސޮންޔާރޯގެ ސަރުކާރުން ބުދަ ދުވަހު ވަނީ އެ ގައުމަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މާރޗް މަހުން ފެށިގެން މެދުކަނޑާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެމީހެއްގެ ދަތުރުގައި ހެލްތު އިންޝިއުރަންސް ކަވަރ ކުރެވޭ ކަމަށްވާނަމަ އެމީހަކަށް ބްރެޒިލް އަށް އެތެރެވެވޭނެ ކަމަށް ބްރެޒިލް ސަރުކާރުން ވަނީ ބުނެފައެވެ.
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނަ އިރު އައު ސަރަހައްދުތަކުން އަންނަނީ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ.
ސައު ޕައުލޯ އާއި އެސިޓީ އާއި އިންވިގެންވާ ސަރަހައްދުތަކަކީ މިވަގުތު އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދާ ސަރަހައްދުތަކެވެ.
ބްރެޒިލްގެ ރައީސް މީގެކުރިން ވަނީ އިޖުތިމާޢީ ގައިދުރުކަމެއް އަދި މާސްކު އެޅުއްވުމެއް ނެތި އޭނާ އަށް ސަޕޯޓް ކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އޭގެފަހުން ބޮލްސަޮންޔާރޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެސް ވެފައެވެ.
ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ލޮކްޑައުން ކޮށްގެން ގައުމުގެ އިގްތިޞާދަށް ވައިރަސް މީހުންނަށް ޖެހުމަށްވުރެ ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް އަބަދުވެސް ބޮލްސޮންޔާރޯ ގެންދެވީ ވިދާޅުވަމުންނެވެ. އަދި ވައިރަސް ޖެހޭ މީހުންނަށް ބައެއް ގައުމުތަކުގައި ފަރުވާ ކުރުމަށް ބޭނުންކުރާ، ނަމަވެސް ސިއްހީ އޮފިޝަލުން އެ ބޭހެއް ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިރުޝާދު ދެއްވަމުން ގެންދަވާ އެންޓި މެލޭރިޔާ ޑްރަގްސް ބޭނުންކުރުމަށް ވެސް ބޮލްސޮންޔާރޯ ގެންދެވީ ތާއީދުކުރައްވާ އެކަމަށް ބާރުއަޅުއްވަމުންނެވެ.