މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ މަގުމަތިން ވެރިކަން ވައްޓާލަން ތާއީދު ކުރާނެ ޕާޓީއެއް ނުކުރާނެ ކަމަށާއި، އެފުރުސަތު ލިބިވެސް ދޫކޮށްފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ 2007 ވަނަ އަހަރު ދެފަހަރަށް 2012 އާއި 2018 އާ ދެމެދު އެ ދިޔަ އަހަރުތަކުގައި މަގުމަތިން ސަރުކާރު ބަދަލު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީ އެދޭ ގޮތެއް ނޫން ކަމަށާއި، އެ ފުރުސަތުތައް ލިބުނު ކަމުގައި ވިޔަސް އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.
މިހާރު އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ދިވެހިންނަށް ލިބުނު ނިއުމަތެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިވި ނަމަވެސް ހުރިހާ ރައްޔިތުން ޖީބަށް އިތުރަށް ފައިސާ ލިބޭނެ ގޮތްތައް ހޯދައިދޭނެ ކަމަށެވެ. މީގެ އިތުރުން ބޯހިޔާވަހިކަން، މަތީ ތައުލީމާއި، ސްކޫލު، ބޭސްފަރުވާ ދަތުރުފަތުރު، ވާޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ލެޖެސްލޭޓިވް އެޖެންޑާ ވަރަށް ސާފުކޮށް އޮންނާނެ ފެންނަން. އަދި އޭގައި ހުންނާނެ ތާރީހުތައް ވެސް ދީފައި މިވެނި ކަމެއް ތާރީހަކީ މިއޭ. އެނގިވަޑައިގަންނަވާނެ އެންމެ ބޮޑަށް އަޅުގަނޑުމެން ދުށީ އިސްލާހު ކުރަން ޖެހިފައި ވަނީ ޝަރީއަތުގެ ނިޒާމޭ. ފަނޑިޔާރުގެއޭ. އެހެންވީމަ ވަރަށް ބޮޑު ފޯކަސްއެއް ދިނީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް. ދެން އޭނގެން ރަނގަޅު ނަތީޖާ ނުކުމެއްޖެ. ކިތަންމެ ތަނަކުން ރަނގަޅު ނަތީޖާ ނުކުމެއްޖެ. އެއަށްފަހު ދެން އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމު ލާމަރުކާޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. ކަންދިމާކުރި ގޮތުން މިރޯގާ ފެތުރިގެން އަޅުގަނޑުމެންނަށް އިންތިޚާބު ބޭއްވި މިއައު ގާނޫނުގެ ފައިދާތައް ރައްޔިތުންނަށް މިފަހަރު ރައްޔިތުންނަށް ނުފެނި މިއޮތީ.ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނަށް އިސްލާހު ގެނައުން ވެސް އެޖެންޑާގައި ވާގޮތަށް ކުރިއަށްދާނެ ކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލާކަށް ތާއީދު ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާ ރައްޔިތުންނަށް ފަސޭހަ ފުއްދުންތެރި ދިރިއުޅުމެއް ހޯދައިދޭނެ ކަމަށެވެ.