މެއި މަހުގެ ފަހުން އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ ހާހަކަށްވުރެ ގިނަ މީހުން އަންގާރަ ދުވަހު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އަންގާރަ ދުވަހު ވަނީ 1300 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. އަންގާރަ ދުވަހު އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެލިފޯރނިއާ، ފްލޮރިޑާ އަދި ޓެކްސަސް އިންނެވެ. މިތިން ސްޓޭޓުން އެކަނި 584 މީހުން ވަނީ މަރުވެފަ އެވެ.
އަންގާރަ ދުވަހު މަރުވެފައިވާ މީހުންގެ އަދަދު މަތިވެފައިވާއިރު ފާއިތުވި ތިން ހަފްތާގައިވެސް ވަނީ އެމެރިކާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް މައްޗަށް އަރާފަ އެވެ. މިދިޔަ ހަފްތާގައި ޖެހިޖެހިގެން ހަތަރު ދުވަހު ވަނީ ހާހަކަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.
އެރިޒޯނާ، ކެލިފޯރނިއާ، ފްލޮރިޑާ އަދި ޓެކްސަސް ގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފަށާފައިވާއިރު އެތަންތަނުގެ ހޮސްޕިޓަލްތައްވެސް ވަނީ ބަލި މީހުންނައިގެން ތޮއްޖެހިފަ އެވެ. އެއާއެކު ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުން ވަނީ ފަސްވެފަ އެވެ.
އެމެރިކާގައި 150،000ށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. އެގައުމުގެ 4.5 މިލިއަން މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.
ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވިހި ގައުމުގެ ތެރެއިން އެމެރިކާ އަކީ އާބާދީގެ ނިސްބަތުން ހަވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެއީ ކޮންމެ 10،000 މީހަކަށް 4.5 މީހުންނެވެ.