ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 23:59
ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ: އޭނާއަށް އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ
ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ: އޭނާއަށް އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ
ގެޓީ އިމޭޖަސް
އެމްބާޕޭއަށް އަނިޔާވެ ކުޅުމާ ދުރަށް
އެމްބާޕޭއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލް މެޗުގައި ނުކުޅެވޭނެ
އެމްބާޕޭގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ސީރިއަސް
އެމްބާޕޭއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން ހަފުތާ ނުވަތަ ހަތަރު ހަފުތާ ފަހުން

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އެމްބާޕޭއަށް އަނިޔާވީ ހުކުރު ދުވަހުގެރޭ ކުޅުނު ފްރެންޗް ކަޕްގެ ފައިނަލް މެޗުގައި ސެއިންޓް އެޓިއެން އަތުން 1-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ. މި މެޗުގެ 30 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ލޮއިކް ޕެރީން އެމްބާޕޭއަށް ނުރައްކާތެރި ފައުލެއް ކުރިއިރު، އެމްބާޕޭ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.

ޕީއެސްޖީއިން ބުނީ އެމްބާޕޭގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި، އެމްބާޕޭއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން ހަފުތާ ނުވަތަ ހަތަރު ހަފުތާ ފަހުން ކަމަށެވެ. އެކަމަކު އެމްބާޕޭގެ ކުޑަހުޅަށް ލިބުނު އަނިޔާއަށް އޮޕަރޭޝަނެއް ކުރަން ނުޖެހޭ ކަމަށްވެސް ޕީއެސްޖީން ވަނީ ބުނެފައެވެ.

އެމްޕަބޭއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެކަން ކަށަވަރުވިއިރު، މި މަހުގެ 31 ވަނަ ދުވަހު ފްރެންޗް ލީގު ކަޕްގެ ފައިނަލްގައި ލިޔޯނާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެއެވެ.

ޕީއެސްޖީއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 34 މެޗުގައި 30 ލަނޑު ޖަހާފައެވެ. އަދި ވަނީ މި ސީޒަނުގެ ފްރެންޗް ލީގުގެ އިތުރަށް ފްރެންޗް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް