ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 19:21
ޔުނައިޓެޑްގެ ފޯވާޑް ބްރޫނޯ ފެނާންޑޭސް: ޔުނައިޓެޑާ ގުޅުނު ފަހުން އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން
ޔުނައިޓެޑްގެ ފޯވާޑް ބްރޫނޯ ފެނާންޑޭސް: ޔުނައިޓެޑާ ގުޅުނު ފަހުން އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައިވުން
ޔުނައިޓެޑަށް ޔޫރޮޕާ ލީގަށްވުރެ ބޮޑު މުބާރާތެއް ހައްގު: ފެނާންޑޭސް
ޔުނައިޓެޑުން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައި
މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑް އަންނަނީ ވާދަކުރަމުން

މެންޗެސްޓާ ޔުނައިޓެޑަށް ޔުއެފާ ޔޫރޮޕާ ލީގަށްވުރެ ބޮޑު މުބާރާތެއްގައި ވާދަކުރުން ހައްގު ކަމަށް ޕޯޗުގަލްގެ ފޯވާޑް ބްރޫނޯ ފެނާންޑޭސް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދާ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކުރިއިރު، އެޓީމުން އަންނަނީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރަމުންނެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކުރިއިރު، ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު ފެނާންޑޭސް ވަނީ ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ފެނާންޑޭސް ބުނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގަ ލިބުނު ކަމުގައި ވިޔަސް، މި ވަގުތު ޔުނައިޓެޑުގެ ޓާގެޓަކީ މި ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބު ކުރުން ކަމަށެވެ. އެކަމަކު ޔުނައިޓެޑަށް ޔޫރޮޕާ ލީގަށްވުރެ ބޮޑު މުބާރާތެއްގައި ވާދަކުރުން ހައްގު ކަމަށާއި، މިއީ ޔޫރޮޕާ ލީގަށް ބުނާ ދެރަ ބަހެއް ނޫން ކަމަށްވެސް ފެނާންޑޭސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަން، އެ ކްލަބަށް ހޯދައިދިން ކާމިޔާބީތައް މިހާރު މިއޮތް ސްކޮޑާއެކު ހޯދޭނެ ކަމަށާއި އެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ. އަދި ޗެމްޕިއަންސް ލީގަކީ ކޮންމެ ކުޅުންތެރިއަކަށާއި ޓީމަކަށްވެސް ހާއްސަ މުބާރާތެއް ކަމަށާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން އެއީ ޔުނައިޓެޑަށް ނުވާނެ ކަމެއް ނޫން ކަމަށްވެސް ފެނާންޑޭސް ބުންޏެވެ.

މީގެ ކުރިން ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޔުނައިޓެޑްގެ ހައިބަތަށް ބަލާއިރު އެ ކްލަބަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރަންޖެހޭ ފެންވަރުގެ ޓީމެއް ކަމަށް ބުނެފައެވެ.

މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ވާދަކުރަމުން އަންނައިރު، އޮގަސްޓް މަހު އަލުން ފަށާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޔުނައިޓެޑުން ލާސްކްއާ ދެކޮޅަށް ނުކުންނާނެއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑުން ވަނީ 5-0 ން ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް