ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 12:27
ލެސްޓާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ން
ލެސްޓާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެމްޕިއަންސް ލީގުގެ ޖާގަ ޔުނައިޓެޑާއި ޗެލްސީއަށް
ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް މޮޅުވީ 2-0 ން
ވުލްވްސް އަތުން ޗެލްސީ މޮޅުވީ 2-0 ން
ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވަނީ ޗެމްޕިއަން ލިވަޕޫލާއި ރަނަރަޕް މެންޗެސްޓާ ސިޓީ

އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެރޭ ކުޅުނުއިރު، ޗެމްޕިއަން ލިވަޕޫލާއި ރަނަރަޕް މެންޗެސްޓާ ސިޓީއާއެކު، ޔުނައިޓެޑާއި ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަތައް ކަށަވަރުކޮށްފައެވެ.

ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ 2-0 ން މޮޅުވެގެންނެވެ. އަދި ޗެލްސީ ވަނީ އާދީއްތަ ދުވަހުގެރޭ ވުލްވްސް އަތުން 2-0 ން މޮޅުވެފައެވެ. މި ނަތީޖާތަކާއެކު ޔުނައިޓެޑާއި ޗެލްސީއަށްވެސް 66 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ތިންވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޗެލްސީ ހަތަރުވަނައިގައި އޮތްއިރު، ލެސްޓާ ފަސްވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ.

ރަށުން ބޭރުގައި ލެސްޓާ އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އެޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު 14 ވަނަ ޕެނަލްޓީއެވެ.

އަދި މި މެޗުގައި ޔުނައިޓެޑުން ލީޑު ފުޅާކުރީ އިތުރު ވަގުތުގެ ތެރޭގައި ޖެސޭ ލިންގާޑް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މި ސީޒަނުގައި ލިންގާޑް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ޗެލްސީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-0 ން

ޗެލްސީގެ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން އެޓީމު މޮޅުވިއިރު، މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މޭސަން މައުންޓް ޗެލްސީއަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ލީޑު ފުޅާކޮށްދިނީ އޮލިވިއޭ ޖިރޫޑެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ކްރިސްޓަލް ޕެލަސްއާ 1-1 ން އެއްވަރުވި ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ ކޮލިފައިންގ ބުރުން ފުރުސަތު ހޯދާފައެވެ. އެޓީމު ތާވަލުގެ ހަވަނައިގައި އޮތީ 59 ޕޮއިންޓާއެކުއެވެ. އަދި ވަޓްފޯޑް އަތުން 3-2 ން މޮޅުވެ އާސެނަލް ލީގު ނިންމާލީ 56 ޕޮއިންޓާއެކު އަށްވަނައިގައެވެ.

ޗެމްޕިއަން ލިވަޕޫލް އާދީއްތަ ދުވަހުގެރޭ ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 ން މޮޅުވެފައެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ ލީގުގައި 99 ޕޮއިންޓް ހަމަކޮށްފައެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީ ކުޅުނު މެޗުން، ތާވަލުގެ އެންމެ ފުލަށް ގޮސް ރެލިގޭޓްވެފައިވާ ނޯވިޗް ސިޓީ އަތުން ވަނީ 5-0 ން މޮޅުވެފައެވެ.

ޕްރިމިއާ ލީގު ގަދަ ހަޔެއް:

  1. ލިވަޕޫލް: 99 ޕޮއިންޓް
  2. މެންޗެސްޓާ ސިޓީ: 81 ޕޮއިންޓް
  3. މެންޗެސްޓާ ޔުނައިޓެޑް: 66 ޕޮއިންޓް
  4. ޗެލްސީ: 66 ޕޮއިންޓް
  5. ލެސްޓާ ސިޓީ: 62 ޕޮއިންޓް
  6. ޓޮޓެންހަމް ހޮޓްސްޕާ: 59 ޕޮއިންޓް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް