ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލް ނެގުމުގެ ކަންކަން މާލޭގައި ދެން ކުރިޔަށްދާނީ މާފަންނު މަދަރުސާގައި ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންމެ ދުވަހަކު ހެނދުނު 9ން ރޭގަނޑު 9 އާ ދެމެދު ސާމްޕަލް ނެގުމުގެ މަސައްކަތް މާފަންނު މަދަރުސާގައި ކުރިޔަށްދާނެ ކަމަށެވެ. އަދި ސާމްޕަލް ނެގުމަށް އައުމަށް އެފަރާތްތަކަށް އެސްއެމްއެސް ނުވަތަ ފޯން ކޯލެއް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ދެން އެހެންނަމަވެސް ބަލީގެ އަލާމާތްތައް ހުރެގެން ނޫނީ ބަލި ހާލަތު ހުރިގޮތުން މިސާލަކަށް ބެޑް ރިޑަން މީހަކު ނޫނީ އުމުރުން ދުވަސްވީ މީހަކު ކަމަށްވަންޏާ އެގޮތަށް ނުދެވޭނެ. އެހެންވީމާ އެގެއަކަށް އަޅުގަނޑުމެންގެ އާރުއާރުޓީމު ދާނެ ސާމްޕަލް ނަގަން. އެހެންނަމަވެސް އެހެން ހުރިހާ ބޭފުޅުން ސާމަޕްލަން ނަގަން ދެން ދާންޖެހޭނީ މާފަންނު މަދަރުސާއަށް.ޑރ ނަޒްލާ ރަފީގް / އެޗްއީއޯސީގެ ތަރުޖަމާން
ޑރ ނަޒްލާ އިތުރަށް ވިދާޅުވީ ސާމްޕަލް ނަގަން އަންނައިރު ޓެކްސީ ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުންނުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން ހިނގާފައި ނުވަތަ ސައިކަލުގައި ސާމްޕަލް ނެގުމަށް އައުމަށް ޑރ ނަޒްލާ އެދިވަޑައިގެންނެވި އެވެ.
ޑރ ނަޒްލާ ވިދާޅުވީ ހުޅުމާލޭގައިވެސް އެފަދަ ތަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އެފަދަ ތަނެއް ގާއިމުކުރެވެންދެން އާރުއާރުޓީމުން އެމީހަކު ހުރި ތާކަށްގޮސް ރިލީޒް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި ވިލިމާލޭގައިވެސް އެމީހަކު ހުރި ތާކަށް ގޮސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ޑރ ނަޒްލާ ވިދާޅުވީ ރިލީޒް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން އެފަރާތްތަކުން ގޭގައި މަޑުކުރަން ޖެހޭނެކަމަށެވެ. އެމީހުންގެ ހޯމް ކަރަންޓީނު ނިމުމަކަށް އަންނާނީ އެމީހުންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވުމުން ކަމަށާއި އެހެންކަމުން ގޭގައި މަޑުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ ނަޒްލާ އެދިވަޑައިގެންނެވި އެވެ.
މީގެއިތުރުން ސާމްޕަލްތައް ނަގާ ދުވަހުގެ އަނެއް ދުވަހު ނަތީޖާ ލިބޭވަރަށް ލެބޯޓްރީތަކުން މަސައްކަތްކުރަމުންދާ ކަމަށާއި ނަތީޖާ ސިސްޓަމަށް އަޕްލޯޑްވާއިރަށް އެސްއެމްއެސް ކުރަމުން ގެންދާކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދީފައި ހުންނަ ނަންބަރު ރަނގަޅުނުވެގެން ނުވަތަ ނިވާލާފައި އޮވެގެން އެސްއެމްއެސް ނުގޮސް ހުންނަކަން ޑރ ނަޒްލާ ފާހަގަކުރެއްވި އެވެ.