ރާއްޖޭގެ ފުޓްބޯޅަ މިހާރަށް ވުރެން ކުރިއަށް ދާންޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ސަރަހައްދީ ފުޓްބޯޅަ ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ވުރެން ދުރަށް އަޅުގަނޑުމެންގެ ވިސްނުން ގެންގުޅެގެން ކަމަށް 40 އަހަރު ދުވަހު ފުޓްބޯޅައަށް ޚިދުމަތް ކުރައްވާފައިވާ އަޙްމަދު މުޙައްމަދު (ދޮނާ) ބުނެފިއެވެ.
ރާއްޖެޓީވީން ގެނެސްދިން މިނިވަން ދުވަހުގެ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަމުން ދޮނާ ބުނީ ސާފް ގޭމްސް ކުޅެލުމަށްފަހު ވަރަށް މޮޅު ބަޔެއް ކަމަށް ގަބޫލުކުރަންވީ ދުވަސް ފަހަނައަޅައި ދާންވެއްޖެ ކަމަށާއި، ސަހަރައްދީ ގައުމުތައް ދޫކޮށް ފުޓްބޯޅައިގެ ވަރުގަދަ ސަރަހައްދުތަކަށް މިސްރާބު ޖަހަންޖެހޭ ކަމަށެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދު ދޫކޮށްލަން ރާއްޖެއަށް ލިބިގެންދިޔަ ސަރަހައްދުގެ ރަން މެޑަލް ކަމަށާއި، ސާފް ޗެމްޕިއަންޝިޕަކީ ބޮޑު ކާމިޔާބެއް ކަމަށް ދެކެމުންއައި ދުވަސް މިހާރު އެއީ މާޒީ ކަމަށް ދެކެންވީ ދުވަސް އަތުވެއްޖެ ކަމަށް އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބީ ހިންގާ ކޮމިޓީގައިވެސް މަސައްކަތް ކުރެއްވި ދޮނާ ބުންޏެވެ.
ރާއްޖޭގެ ވިސްނުން މިއަދު ގެންގުޅެން ޖެހޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން އާއި ފީފާ ވޯލްޑް ކަޕް ކޮލިފައިންއަށް ކަމަށާއި، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް ދޮނާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާ ބަލިކޮށް ހޯދި ހޯދުމަށް ފަހު ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް ހިތްހަމަޖެހޭ ފެންވަރަކަށް އިންޑިއާ އަތުންވެސް މޮޅެއް ހޯދިފައެއް ނެތް. ސަރަހައްދުގެ ބައެއް ގައުމުތަކަކީ ފުޓްބޯޅައިގެ މާ ބޮޑު ވަސީލަތެއް ނެތް ގައުމުތައް. އެކަމަކު އެގައުމުތައްވެސް މިހާރު ދަނީ ކުރިއަރަމުން. އަޅުގަނޑުމެންގެ ލެވަލް ހަމަ ދާދި އެއްވަރެއްގައި އުޅޭތާ ވަރަށް ދުވަސްވެއްޖެ. މާ ބޮޑުތަނެއް ކުރިޔަށްދާތަނެއް ނުފެނޭ.އަޙްމަދު މުޙައްމަދު (ދޮނާ)
ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސަރަހައްދީ އެހެން ގައުމުތަކާއި ޚިލާފަށް ހުނަރުހުރި މޮޅު ކުޅުންތެރިން ކަމަށާއި، އޭގެ އެންމެ ބޮޑު ހެއްކަކީ މީގެ އަހަރުތަކެއް ކުރިން ނިއުރޭޑިއަންޓް އޭއެފްސީ ކަޕްގެ ތިންވަނަ ހޯދުން ކަމަށާއި، އެޓީމު ތިންވަނަ ހޯދީ މޮޅެތި ޓީމުތައް ބަލިކޮށްފައި ކަމަށްވެސް ދޮނާ ފާހަގަ ކުރިއެވެ.
ނިއުރޭޑިއަންޓް ހޯދި ކާމިޔާބު އެޓީމަށް ލިބުނީ މޮޅެތި ޓީމުތަކާ ވާދަކުރަން ނުކުމެ ކުރި މަސައްކަތުން ކަމަށާއި، އެކަން ރާއްޖޭގެ ކޮންމެ ޓީމަކަށްވެސް އަދި ގައުމީ ޓީމަށް ވެސް ކުރެވޭނެކަން ފާހަގަ ކުރަމުން ދޮނާ ބުނީ އެ މިސްރާބަށް ދަތުރު ކުރުމަށް ގޭ ދޮށު ޓީމުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.
ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ރާއްޖެއިން ވާދަކުރާތާ 35 އަހަރު ވެފައިވާއިރު، އެކަށީގެންވާ ފެންވަރުގައި ކުޅިވަރު ނެތްއިރު އެކަން ކުރެވޭނީ ކުޅިވަރުގެ ހުރިހާ ކަމެއް ރަނގަޅުކޮށްގެން ކަމަށްވެސް ދޮނާ ބުންޏެވެ.