ކ. މާލެ
|
26 ޖުލައި 2020 | އާދީއްތަ 12:23
މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
މަޖިލިސް
އާޒިމްގެ ރައްދު މަޙްލޫފަށް
މަޙްލޫފް ވިދާޅުވަނީ ޤާނޫނަކަށް ބަލާނެ ކަމެއް ނެތޭ: އާޒިމް
މަޙްލޫފް ވަނީ އޭނާ ލައްވާ ވަރަށް ހަޑިކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައި
"ސިޓީގައި އެދިފައިވާނީ ދައުލަތް ހިންގަން ވަނީ ލިޔެފައިވާ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް"

ކުޅިވަރާ ބެހޭ ވަޒިރު އަޙްމަދު މަޙްލޫފް ވިދާޅުވަނީ ޤާނޫނަކަށް ބަލާނެ ކަމެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު މި މަހުގެ ދެވަނަ ދުވަހު ދުވަހު ބޭއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރިއިރު، އެ ދުވަހު ވަޒީރު ވަނީ އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގިހުރެ އޭނާ ލައްވާ ވަރަށް ހަޑިކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކައް ރައްދު ދެއްވަމުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެފްއޭއެމްގެ އިންތިޚާބު ހުއްޓުވައިދިނުމަށް އެދި މަޙްލޫފަށް ފޮނުއްވާފައިވާ ސިޓީއެއް ހާމަކޮށްފައެވެ. އެ ސިޓީ ހާމަކޮށް އާޒިމް ވިދާޅުވީ އެ ސިޓީގައި އެދިފައިވާނީ ދައުލަތް ހިންގަން ވަނީ ލިޔެފައިވާ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވަނީ ޤާނޫނަކަށް ބަލާނެ ކަމެއް ނެތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ވަކި ގޮތެއް ނިމެންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެދި މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ސިޓީއެއް ލިބުނު ކަމަށާއި، އެގޮތުން އެމަނިކުފާނު އިޖުތިމާޢީ ކޮމިޓީން އެދުނު ގޮތަށް އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެދުނު ކަމަށެވެ.

އިންތިޚާބު ފަސްކޮށްދިނުމަށް މަޖިލީހުން އެދުނު ނަމަވެސް، ފީފާގެ ރުހުމާއެކު މި މަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ އިންތިޚާބު ވަނީ ބާއްވާފައެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކުރިއިރު، އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީވެސް ބައްސާމް އެކަންޏެވެ.

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނައިރު، މީގެ ކުރިން ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް