ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިގްތިޞާދީ އައު ޕެކޭޖެއްގެ ދަށުން އިންޑިޔާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާއިން ބުނެފި އެވެ.
މިކަން އިއުލާން ކޮށްފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްގެ ޚާއްސަ މެސެޖްގަ އެވެ. ތަހުނިޔާގެ މިމެސެޖްގައި އިންޑިޔާ ސަފީރު ވިދާޅުވެފައިވަނީ އިންޑިއާއިން ވަރަށް އަަވަހަށް އިއުލާނުކުރަން ނިންމާފައިވާ މާލީ އެހީގެ ޕެކޭޖަކީ އެކަށީގެންވާ ބޮޑު އަދަދެެއްގެ ޕެކޭޖަަކަށްވާނެ ކަމަށެވެ. އަދި މިޕޭކަޖީ ކޮވިޑް-19 ގެ ފަހުން ރާއްޖޭގެ އިގްތިޞާދު ކޮޅަށްޖެހުމަށް ދޭ އެހީއެއްކަމަށް ސަފީރު ވިދާޅުވި އެވެ.
އިންްޑިއާއިން ވަނީ މީގެކުރިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ޕެކޭޖްގައި ހިމެނޭ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕުން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.
ސަފީރު ވިދާޅުވީ އެ އެހީގެ އިތުރުން ވެސް ކޮވިޑާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ގިނަ އެހީތަކެއް ދެމުން އަންނަ ކަމަށެވެެ. އޭގެ ތެރޭގައި ބޭސްފަރުވާ އާއި ކާނާގެ އެހީ އާއި މެޑިކަލް ޓީމުތައް ފޮނުވައިގެން ވީ އެހީ ވެސް ހިމެނެ އެވެ. މިގޮތުން މިހާތަނަށް އައިއިރު 6.2 ޓަނުގެ ބޭހާއި، 600 ޓަނުގެ ކާނާއާއި އެހެނިހެން ތަކެތި އިންޑިޔާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.
މިއަހަރު ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނުން ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ބޭއްވުމަށް ވަނީ ރާވާފަ އެވެ. މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވާތާ 55 އަހަރު ފުރޭ އަހަރުވެސްމެއެވެ.