ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 21:41
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހޮވުނު މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު އެއަރޕޯޓުގައި މަޑުކޮށްލައިގެން
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހޮވުނު މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު އެއަރޕޯޓުގައި މަޑުކޮށްލައިގެން
-
ހައްޖު1441
ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅު ތަކާއެކު ސައުދީ އަރަބިއްޔާއިން ހައްޖުވުމަށް އައި ފުރަތަމަ ގުރޫޕަށް މަރުހަބާ ކިޔައިފި
މިއަހަރު ހައްޖުވުމަށް ހޮވާފައިވަނީ ހާހެއްހާ މީހުން
މީހުން ހޮވުމުގައި އިސްކަން ދީފައިވަނީ ބޭރު ގައުމުތަކުގެ މީހުންނަށް
ސިއްހީ ގޮތުން އަމަލު ކުރަންޖެހޭ ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައި

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓަށް ހުކުރު ދުވަހު އައި ފުރަތަމަ ގުރޫޕަށް ސައުދީ ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް މީހުން ހޮވާފައިވަނީ ސައުދީ ސަރުކާރުން އެކުލަވާލި ޚާއްސަ މިންގަނޑުތަކެއްގެ ތެރެއިންނެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރަތަމަ ގުރޫޕް އައި އިރު ކޮރޯނާވައިރަސް އިން ރައްކާތެރި ވުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް ސައުދީ ސަރުކާރުން ވަނީ އަޅާފައެވެ.

ރޯގާގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައިވަނީ ސައުދީގައި ދިރިއުޅޭ އެކި ގައުމުތަކަށް ނިސްބަތްވާ އަދި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ސައުދީ އަރަބިއްޔާގެ ހައްޖާއި އުމުރާ އާ ބެހޭ ވަޒީރު ވިދާޅުވެފައިވަނީ މީހުން ހޮވާފައިވަނީ، ޝަރުތު ފުރިހަމަވާ އެންމެންގެ ލިސްޓުން ރެންޑަމްކޮށް ކަމުގައެވެ. އަދި މީހުން ހޮވުމުގައި އެއްވެސް މީހަކު ބައިވެރިވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ހައްޖުވުމަށް ހޮވުނު ކޮންމެ މީހަކީ ﷲ ގެ އިރާދަފުޅުން އެތަން މިލިއަން މީހުންގެ ތެރެއިން ހޮވުނު މީހެއް، މިއީ އިންސާނުން އެ ކަމުގައި ބައިވެރި ވެގެން ހޮވުނު ބައެއް ނޫން
ސައުދީ ސިއްހަތާ ބެހޭ ވަޒީރު

ހައްޖުވުމަށް އައި މީހުން އެއަޕޯޓުން ސްކްރީން ކުރުމަށްފަހު ބަހުގައި އެމީހުން ގެންގޮސްފައިވަނީ ހައްޖުވުމަށް އަންނަ މީހުން ބޭތިއްބުމަށް ޚާއްސަ ކުރެވިފައިވާ ހޮޓަލަށެވެ. އެތަނުގައި 8 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށްފަހު، އަޅުކަމައިގެން އެމީހުން މަސްއޫލުވުމަށް ހޮޓަލުން ނުކުތުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 29 ވަނަ ދުވަހުއެވެ.

ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން އުޅުމަށް މަޖުބޫރު ކުރުމުގެ އިތުރުން ހޮޓަލަށް ވަންނައިރު ކޮންމެ މީހެއްގެ ފިނިހޫނުމިން ބެލުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ހައްޖުވުމަށް ހޮވުނު އެންމެން ތިބެން ޖެހެނީ ސައުދީގެ ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ ހޮޓަލެއްގައެވެ. އަދި އަޅުކަމުގެ ކަންކަމަށް ދިއުމަށް ޚާއްސަ ބަސްތަކެއް ސައުދީ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ހޮޓަލުގައި ކޮންމެ މީހަކު ހުންނަންޖެހެނީ ވަކިން ކޮޓަރިއެއްގައެވެ. އަދި ކޮންމެ މީހަކަށް ހޭންޑް ސެނިޓައިޒަރ ވަނީ ފޯރުކޮށްދީފައެވެ. ހޮޓަލުގެ ތެރޭގައި އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން ވަނީ ލާޒިމް ކޮށްފައެވެ.

ހައްޖުވުމަށް ހޮވުނު މީހުން މައްކާ އަށް އައުމުގެ ކުރިން އެމީހަކު ދިރިއުޅޭ ތަނެއްގައި އެކަހެރިވެ 7 ދުވަހުގެ މުއްދަތެއް ފުރިހަމަ ކުރުން ވަނީ ލާޒިމް ކޮށްފައެވެ.

ކޮރޯނާވައިރަސް ހަލުއި ކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އުމުރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދަތުރުކުރުން އޮތީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވާތީ، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހާހެއްހާ މީހުންނަށް ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމާ އެކަން އިއުލާން ކުރީ ޖޫން މަހުގެ ތެރޭގައެވެ.މިގޮތުން ހޮވުނު އެންމެންނަކީވެސް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން ސިއްހީ މައްސަލައެއް ނެތް، އަދި ކުރިން ހައްޖުވެފައި ނުވާ، އުމުރުން 20 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ މިއަހަރު ހައްޖުވުމަށް ފުރުސަތު ދިނުމުގައި އިސްކަން ދިނީ ބޭރުގައުމުތަކަށް ނިސްބަތްވާ މީހުންނަށް ކަމުގައެވެ. ސައުދީ ރައްޔިތުންގެ ތެރެއިން ހައްޖުވުމަށް ފުރުސަތު ދިނުމުގައި ބެލީ، ސިއްހީ ޚިދުމަތްތެރިންނާއި، ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ކޮވިޑް ބަލި ޖެހި، ބަލިން ރަނގަޅުވެފައިވާ ފަރާތްތަކަށެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެފަރާތްތަކުން ދިން ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ވެސް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް