ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު އަންނަ އޮގަސްޓް މަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ހޮޓެލިއަރ މޯލްޑިވްސްގެ ލިޔުމެއްގައި ވާގޮތުން، ރަންދެލި ރިސޯޓުގެ ދޮރުތައް ފަތުރުވެރިންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭނެއްގައި 45 މިނެޓު ތެރޭގައި ނ. އަތޮޅުގައި އޮންނަ ރަންދެލި ރިސޯޓަށް ދެވެއެވެ. އަދި މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ރިސޯޓުކަން ވެސް ފާހަގަކޮށްލެވެއެވެ.
ޝެވަލް ބްލޮންކް ރަންދެލީގައި ތިން ކެޓަގަރީއެއްގެ 46 ވިލާ ހުރެއެވެ.
ކޮވިޑް ރޯގާއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލިއިރު، އޮޕަރޭޝަންތައް ފަށާފައިވަނީ 40 ރިސޯޓުގައި ކަމަށް އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.
އެންމެ 40 ރިސޯޓު މިހާތަނަށް ހުޅުވާލި ނަމަވެސް، ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު ރިސޯޓުތައް ހުޅުވާނެއެވެ. އަދި އޮކްޓޫބަރު މަހު ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.